15 Aug 2012, 13:12
މާލޭ ސިޓީގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް، މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 220 ރުފިޔާގެ މަގުން ޒަކާތުގެ ފައިސާ މިއަދު ބަހަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ދީދީ މިއަދު ވިދާޅުވީ މިއަހަރު ފަގީރުންގެ ގޮތުގައި މާލޭގައި 11،149 މީހުން ރަޖިސްޓްރީކޮށްފައިވާ އިރު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 2،452780ރ. ކަމަށެވެ.
މާލޭ ސިޓީގައި މި އަހަރު ފިތުރު ޒަކާތް ދައްކާފައިވާ މީހުންގެ ޖުމްލަ އަދަދަކީ 80،408 މީހުންް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ. މިދިޔަ އަހަރު 82،573 މީހުން ޒަކާތް ދައްކާފައިވާ އިރު ޖުމްލަ 2،337،100 ރުފިޔާ ވަނީ ޒަކާތުގެ ގޮތުގައި ލިބިފަ އެވެ.
"ޒަކާތުގެ ފައިސާ މި އަހަރު އިތުރުވި ނަމަވެސް އެ އަދަދު އިތުރުވެފައި ވަނީ މިދިޔަ އަހަރަށް ވުރެ މިއަހަރު ހަނޑުލުގެ އަގުތައް ބޮޑުވީމާ، ޒަކާތް ދެއްކި މީހުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާ އިރު މަދު،" މުހައްމަދު ދީީދީ ވިދާޅުވި އެވެ.
މުހައްމަދު ދީދީ ވިދާޅުވީ ޒަކާތު ފައިސާ އީދު ދުވަހުގެ އީދު ނަމާދުގެ ކުރިން ބަހާ ނިންމާލާނެ ކަމަށާއި އެގޮތުން މިއަދާއި މާދަމާ ވެސް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 3:00 އާ ހަމައަށް ފައިސާ ދޫކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ފަގީރުންގެ ގޮތުގައި ނަން ނޯޓްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފައިސާ ބަހާ މުއްދަތު ހަމަވާ ފަހުން އަންނަ މީހުންނަށް އެ ފައިސާ ނުލިބޭނެ ކަމަށެވެ.
"ޒަކާތް ބެހުމަށް ހަމަޖައްސާފައިވާ މުއްދަތުގެ ފަހުން އެ ފައިސާ ނަގަން އަޔަސް ނުލިބޭނެ، އެއީ މުއްދަތު ހަމަވިފަހުން ނަން ނޯޓް ކޮށްފައިވާ އިތުރު މީހުންނަށް ބަހާ އީދު ނަމާދުގެ ކުރިން އެފައިސާ ހުސްކޮށްލާނަން،" މުހައްމަދު ދީދީ ވިދާޅުވި އެވެ.