05 Oct 2025, 10:25
ޓްރަމްޕް ސަރުކާރުގެ ފިއްތުންތަކަށް ފަހު އެޕަލްއިން އައިސީއީ ޓްރެކިން އެޕްތައް ނައްތާލައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ފަރާތުން އައި ފިއްތުންތަކަށް ފަހު، އެޕަލް ކުންފުނިން ބުދަ ދުވަހު ވަނީ އައިސްބްލޮކް އަދި އެފަދަ އެހެން އައިސް ޓްރެކިން އެޕްތައް އެ ކުންފުނީގެ އެޕް ސްޓޯރުން ނައްތާލާފައިކަން ހާމަކޮށްފައެވެ.
މި އެޕްތަކުގެ މައިގަނޑު ބޭނުމަކީ، އެޕް ބޭނުންކުރާ ފަރާތްތަކަށް އެ މީހުން ދިރިއުޅޭ ސަރަހައްދުގައި އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް (އައިސީއީ)ގެ އޭޖެންޓުން ތިބޭކަން އަންގައިދިނުމެވެ. އެމެރިކާގެ ފެޑެރަލް ސަރުކާރުގެ އެދުމަކަށް އެޕްތަކެއް ނައްތާލެވުނު ވަރަށް މަދު ހާލަތްތަކުގެ ތެރެއިން އެއް ހާލަތަކަށް މިކަން ވެގެންދެއެވެ.
އަލްފަބެޓްގެ ގޫގުލްއިން ވެސް ބުދަ ދުވަހު މިފަދަ އެޕްތައް ނައްތާލާފައިވަނީ ސިޔާސަތާ ޚިލާފުވުމުގެ ސަބަބުން ކަމަށް ބުނެއެވެ. ނަމަވެސް، ގޫގުލްއިން ބުނެފައިވަނީ މިކަން ކުރުމުގެ ކުރިން ޖަސްޓިސް ޑިޕާޓްމަންޓުން އެ ކުންފުންޏާ ގުޅާފައިނުވާ ކަމަށެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ބުނާ ގޮތުގައި، މި އެޕްތަކުން އޭޖެންޓުންގެ ހަރަކާތްތަކާ ބެހޭ މަޢުލޫމާތު ދިނުމުގެ ސަބަބުން އެމެރިކާގެ އޭޖެންޓުންނަށް ހަމަލާ ދިނުމުގެ ނުރައްކާ އިތުރުވެދާނެއެވެ.
އައިސީއަކީ ޓްރަމްޕްގެ ހަރުކަށި އިމިގްރޭޝަން ސިޔާސަތުގެ މުހިންމު ބައެކެވެ. އެ އޭޖެންސީގެ އޭޖެންޓުން ވަނީ ގަވާއިދާ ޚިލާފަށް ދިރިއުޅޭ މީހުން ހޯދައި ހައްޔަރުކުރުމަށް ގިނަ ރެއިޑްތަކެއް ކުރިއަށް ގެންގޮސްފައެވެ. ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސަރުކާރުގެ ޑިޕޯޓޭޝަން ކެމްޕެއިންގައި މިނިވަންކަމާއި ހައްގުތަކަށް އަރައިގަނެއެވެ.
އެޕަލްގެ މި ނިންމުމުގެ ސަބަބުން ޓެކްނޮލޮޖީ ކުންފުނިތަކާއި ޓްރަމްޕް ސަރުކާރުގެ ގުޅުންތަކަށް އިތުރު ސަމާލުކަމެއް ލިބޭނެއެވެ.
އައިސްބްލޮކްގެ ޑިވެލޮޕަރު، ޖޯޝުއާ އާރޮން ވަނީ އެޕަލްގެ މި ނިންމުމަށް ފާޑުކިޔާފައެވެ. އޭނާ ބުނެފައިވަނީ، "އެޕަލްގެ މި އަމަލުތަކާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމަށާއި، މިފަދަ ކަމެއްގައި ޔޫޒަރުންގެ ހައްގު ގެއްލޭގޮތަށް ސަރުކާރަކަށް ބޯލެނބުމަކީ ދުވަހަކު ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ.
މިދިޔަ އަހަރު އެޕަލްއިން ވަނީ ސަރުކާރުގެ އެދުންތަކަށް އިޖާބަދީ 1,700 އަށް ވުރެ ގިނަ އެޕް އެޕް ސްޓޯރުން ނައްތާލާފައެވެ. އޭގެ ތެރެއިން ގިނަ އެޕްތައް (1,300 އަށް ވުރެ ގިނަ) އައިސްފައިވަނީ ޗައިނާއިންނެވެ. އެއަށް ފަހު ރަޝިޔާއިން 171 އެޕް އަދި ދެކުނު ކޮރެއާއިން 79 އެޕް ނައްތާލާފައިވެއެވެ.
ފާއިތުވި ތިން އަހަރުގެ ތެރޭގައި އެމެރިކާއަކީ ސަރުކާރުގެ އެދުމަކަށް އެޕްތައް ނައްތާލެވުނު ގައުމުތަކުގެ ތެރޭގައި ހިމެނިފައެއް ނުވެއެވެ.