04 Oct 2025, 22:15
"ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި އެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިއްވި ޑިމާންޑުތަކާ އެއްގޮތަށް ކަންކަން ރަނގަޅުނުކުރާ ނަމަ، ސަރުކާރަށް ދެ އަހަރު ފުރޭ ދުވަސް ކަމަށްވާ އަންނަ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހާ ދިމާކޮށް ބޮޑު އެއްވުމެއް ބާއްވަން، އެ ޕާޓީން ފާސްކޮށްފިއެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ހޯރަފުށި ދާއިރާގެ ރައީސް އަދި 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް ހުށަހެޅުއްވި ހުށަހެޅުން ފާސްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިއްތިފާގުންނެވެ.
ސަލީމް ހުށަހެޅުއްވި ގަރާރުގައި ވަނީ، އަސާސީ ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމަށްޓަކައި "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި އެމްޑީޕީން ހިންގި އެ އެއްވުމަށް ހުރަސް އެޅުމަށާއި އެއްވުމުގެ ސުލްހަ މަސަލަސްކަން ނަގާލަން ސީދާ ރައީސް އިސްނަންގަވައިގެން ކަންކަން ކުރައްވާފައިވާ ކަމުގެ ތުހުމަތު ކުރައްވައިފައެވެ.
ރޭގެ އެއްވުމުގައި ފުލުހުން ޤާނޫނާއި ޚިލާފު އަދި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް އެ ގަރާރު އިއްވަމުން ސަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން ރޭގެ އެއްވުން ރޫޅާލުމަށްޓަކައި ފުލުހުން މިހާތަނަށް ބޭނުންކޮށްފައިނުވާ، ބާރު އަޑު ފޮނުވަން ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރުމުން، އެއްވުމުގެ ބައިވެރިންނާއި އެ ސަރަހައްދުގައި އުޅޭ މީހުންނަށް ސިއްހީ އަދި ނަފްސާނީ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށްވެސް އެ ގަރާރުގައިވެއެވެ.
އެ ގަރާރުގައި ސަލީމް ފާހަގަކުރެއްވި ގޮތުގައި ރޭގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި އެ ޕާޓީގެ މެންބަރުން ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތުވެސް ދީފައި ނުވެއެވެ. އަދި އެއްވުމުގެ ތެރެއިން އަނިޔާލިބުނު މީހުން ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ޑޮކްޓަރަށް ދީފައިނުވަނީ ޑޮކްޓަރަށް ދެއްކުމުން އެ މެންބަރުންގެ އަނިޔާތައް ހާމަވެގެން ދާނެ ކަމަށް ދެކޭތީ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
އެހެންކަމުން އެ ގަރާރުގައި ސަލީމް ވަނީ، އެއްވުމުގެ ތެރެއިން ހައްޔަރުކުރި މެންބަރުން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައިވެއެވެ. އަދި އެމްޑީޕީގެ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށާއި، އެ ޕާޓީން ރޭ ހުށަހެޅި ޑިމާންޑުތަކާ އެއްގޮތަށް ކަންކަން ރަނގަޅުނުކުރާ ނަމަ، މި ސަރުކާރަށް ދެ އަހަރު ފުރޭ ދުވަހާ ދިމާކޮށް ބޮޑު އެއްވުމެއް ބާއްވަންވެސް ގޮވާލައްވާފައިވެއެވެ.
ރޭގެ އެއްވުމުގައި އެމްޑީޕީން އިއްވި ފަސް ޑިމާންޑަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރެވޭ ގޮތް ބަދަލުކޮށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު އަނބުރާ ގެންދިއުމަށާއި، ކުރިއަށް އޮތް ފަސް ހަފުތާގެ ތެރޭ އަމިއްލަ ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ދޭން ފެށުމަށާއި، ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް އަނބުރާ ގެންދިއުމުގެ އިތުރުން، މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލައި، އާސަންދައާއި ބޭސްފަރުވާ އަދި ރައްކާތެރި ބޭސް ހަމައަށް ލިބެމުން އައި މިންވަރަށް ލިބިދުނުމަށާއި ބޭސްތައް ބަރާބަރަށް ލިބޭނެގޮތް ހެދުމަށެވެ.
އެ ޑިމާންޑުތައް ހުށަހަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، ވިދާޅުވީ، ރައްޔިތުން ރޭ އެއްވީ ސަރުކާރާ މެދު ހިތްހަމަނުޖެހި ކަމަށެވެ.
ރައްޔިތުން ހިތްހަމަނުޖެހޭ ސަބަބުތަކެއް ކަމަށް މައުރޫފް ވިދާޅުވީ، ރައީސް ޤާނޫނުއަސާސީ ފުނޑާލައްވައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބާރު ކަނޑުވާލައި، ގައުމުގެ އިގްތިސޯދާއި މާލީ ނިޒާމު ހަލާކުކޮށްލުމުގެ އިތުރުން، ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައިފައިވުމުން ކަމަށެވެ.
އެއާއެކު، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތައްވެސް ސަރުކާރުން ފޭރިގެންފައިވާ ކަމަށް ވިދާޅުވެ، އޭނާ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، އެމްޑީޕީގެ އެއްވުމުގައި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅި ކަމަށާއި، އެ އަމަލު ހިންގި މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ރޭ ފުލުހުން ބުނެފައިވެއެވެ.
އާޓިފިޝަލް ބީޗުން ނިކުމެ، މަޖީދީ މަގަށް އެއްވުމުގެ ބައިވެރިން ނިކުތުމުން އެސްއޯ ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާފައެވެ. އެއަށްފަހު، އެއްވުމުގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، ފުލުހުން ވަނީ ރޭ ޕެޕާ ސްޕްރޭ ވެސް ޖަހައިފައެވެ. އޭގެ އިތުރުން، އެއްވުން ރޫޅާލުމަށް ޓަކައި ބާރު އަަޑެއް ފޮނުވައި އެލްއާރުއޭޑީ ވެސް ފުލުހުން ވަނީ ބޭނުންކޮށްފައެވެ.
ނަމަވެސް އެމްޑީޕީގެ އެއްވުން ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި ކަމަށް އެ ޕާޓީން ބުނި ނަމަވެސް، އެއްވުން ރޫޅާލުމުގައި އިސްކުރީ ގާނޫނާއި ގަވައިދުތަކުގެ ހަމަތަކާއި، "ކެތްތެރިކަމާއި ޕްރޮފެޝަނަލްކަން" ކަމަށް، ދިފާއުގައި ފުލުހުން ނެރުނު ބަޔާނުގައި މިރޭ ބުންޏެވެ.