ކުލަބް ވެލެންސިޔާގެ ކެޕްޓަން އަލީ އިމްރާނާއި ގޯލްކީޕަރު އިބްރާހިމް އިފްރާހް އަރީފަށް ކުލަބްގެ ފަރިތަކުރުން ތަކުގައި ބައިވެރިނުވެވޭގޮތަށް، ގޭގައި މަޑު ކޮށްލުމަށް އަންގައިފި އެވެ.

ވެލެންސިޔާގެ ޗެއާމަން އިބްރާހީމް ރާއީ ރަޝީދު މިއަދު ވިދާޅުވީ، އިމްރާނާއި އިފްރާހަށް ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރި ނުވެވޭނެގޮތަށް ނިންމީ މުޅި ސީޒަނަށް ބަލާއިރުވެސް ޓީމުގެ ފަރިތަކުރުން ތަކުގައި އެދެކުޅުންތެރިންގެ ހާޒިރީދައްވުމުން ކަމަށާއި އަދި އެނޫނަސް އެދެކުޅުންތެރިންގެ ފަރާތުން ކުދިކުދި މައްސަލަތައް ސީޒަންގެ ތެރޭގައި މިހާތަނަށް ފާހަގަ ކުރެވި ފައިވާތީ ކަމަށެވެ.

"އެ ދެކުޅުންތެރިންނަށް ފަރިތަކުރުން ތަކުގައި ބައިވެރި ނުވާން މިހާރު ވާނީ އަންގާފަ. އެކަން އެންގީ ވަރަށް ރަސްމީ ސިފައެއްގަ. މުޅި ސީޒަނަށް ބަލާލިކަމުގައި ވިޔަސް އެ ދެކުޅުންތެރިން މިހާތަނަށް ބައިވެރިވެރިވި ޓީމުގެ ފަރިތަކުރުންތައް ވަރަށް މަދު،" ރާއީ ވިދާޅުވިއެވެ.

އިފްރާހުއާ ނުލައި ވެލެންސިއާ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ކުޅުނު އިރު ކޯޗު އަހުމަދު ނާޝީދު (ނާދު) ބުނީ ކީޕަރު ޕްރެކްޓިހަށް ނާންނަ ކަމަށެވެ. އަދި އޭނާ ވަނީ މި އަހަރުގެ ވަރަށް މުހިންމު މެޗުތަކެއް ވެސް ގެއްލުވާލައިފަ އެވެ. އޭގެ ތެރޭގައި ސިޔާސީ މުޒާހަރާކޮށްގެން ފުލުހުން ބަންދުކޮށްފައި ހުރި ފަހަރެއްވެސްދިޔަ އެވެ. ކެޕްޓަން އިމްރާނަކީ މި އަހަރު އެންމެ ގިނަ ކާޑު ހޯދި ކުޅުންތެރިޔާ އެވެ. މީގެ ތެރެއިން ގިނަ ކާޑުތައް ހޯދާފައިވަނީ ރެފްރީއާ ޒުވާބުކޮށްގެންނެވެ.

ރާއީ ވިދާޅުވީ، އެދެކުޅުންތެރިންނަކީ ޓީމަށް ވަރަށް މުހިންމު ދެކުޅުންތެރިން ކަމަށާއި އެހެން ނަމަވެސް އެ ދެކުޅުންތެރިންނާ މެދު ވަރަށް އަވަހަށް ޓީމުގެ ބޯޑުން ގޮތެއް ނިންމާނެ ކަމަށެވެ.

ކުލަބް ވެލެންސިޔާއަށް މިހާރު ވަނީ ރެލިގޭޝަނާވެސް ކުރިމަތި ލާންޖެހިފައެވެ. އެގޮތުން އެޓީމް ރެލިގޭޝަނަށް ވެއްޓުނީ ދިރާގް ދިވެހި ލީގުގެ ދެ ވަނަ ބުރުގައި އެންމެ ފުލުގައި އޮވެގެންނެވެ.