އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަންގެ ދަތުރުތައް އާ މަންޒިލްތަކަށް ފަށާގޮތަށް އެ ކުންފުނިން ނިންމައިފި އެވެ.

މިއަދު ނަސަންދުރާ ޕެލަސް ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓާ އަބުދުލް ހާރިޝް ވިދާޅުވީ މޯލްޑިވިއަންގެ ދަތުރުތައް ފުޅާކުރުމުގެގޮތުން އަލަށް ދަތުރުތައް ފަށަން ހަމަޖައްސާފައި ވަނީ މަންޒިލްތަކަކީ އިންޑީއާގެ މުންބާއީ އާއި ޗެންނާއީ އާއި އިންޑީއާގެ ވެރިރަށް ދިއްލީގެ އިތުރުން ބަގުލަދޭޝްގެ ވެރިރަށް ޑާކާއަށް ކަމަށެވެ.

"ޗެންނާއި އާއި މުންބާއީގެ އިތުރުން ޑަކާއަށް މިއަހަރުގެ ނޮވެންބަރު މަހު ދަތުރުތައް ފަށާގޮތަށް ހަމަޖެހިފައި ވަނީ ދިލީއަށް ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ މި އަންނަ އަހަރު. ފަށާއިރު އަޅުގަނޑުމެން މިފަށަނީ ހަފްތާ އަކު ކޮންމެ މަންޒިލަކަށް ވެސް ތިން ދަތުރު. އަޅުގަނޑުމެންގެ އަމާޒަކީ ޑެއިލީ ދަތުރުތައް ފެށުން. އަދި އަޅުގަނޑުމެން އަގުތައް އަދި ކަނޑައެއް ނާޅަން،" ހާރިޝް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ ދަތުރުތަކަށް ބޭނުން ކުރާނީ އެ ކުންފުންޏަށް އަލަށް ގެންނަން ހަމަޖެހިފައިވާ އެއާބަސް އޭ320 މަރުކާގެ މަތިންދާ ބޯޓެއް ކަމަށާއި އެ ބޯޓަކީ 152 ސީޓުގެ ބޯޓެއްް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެ ބޯޓުގައި ހިމެނެނީ 14 ބިޒުނަސް ސީޓާއި 138 އިކޮނޮމީސީޓެވެ. ހާރިޝް ވިދާޅުވީ އެ ބޯޓު ރާއްޖެ ގެންނަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި މި އަހަރުގެ އޮކްޓުބަރު މަހުގެ ތެރޭގައި އެ ބޯޓު ގެންނާނެ ކަމަށެވެ.

މޯލްޑިވިއަންގެ ދަތުރުތައް އާ މަންޒިލްތަކަށް ފަށަން ނިންމާފައިވާ އިރު އެ ކުންފުނިން މިހާރު ވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އިތުރުން އިންޑިއާގެ ޓުރެވެންޑުރަމްއަށް ޑެއިލީ ދަތުރުތަކެއް ބާވަމުންނެވެ.