އެމްޑީޕީން "ލޫޓުވައިފި" ނަމުގައި ރޭ ބޭއްވި މުޒާހަރާގެ ތެރެއިން 13 މީހުން ހައްޔަރުކުރި ކަމަށް ރިޕޯޓުތައް ލިބިފައިވާ ކަމަށާއި އެކަމަކު އެ މީހުންގެ ތަފުސީލެއް ވެސް އަދި އެ މީހުންނަށް ބޭނުންވާ ގާނޫނީ ވަކީލެއްގެ ހައްގު ވެސް ފުލުހުން ދީފައިނުވާ ކަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ.

ފުލުހުން ހުއްދަ ދިން ގޮތާ ޚިލާފަށް އެމްޑީޕީން ރޭ ވަނީ މަޖީދީ މަގަށް އެއްވުން ބަދަލުކޮށްފައެވެ. އެކަމަކު، މަޖީދީ މަގަށް ނުވަދެވޭ ގޮތަށް ފުލުހުން ވަނީ ހުރަސްއަޅާފައެވެ. އަދި، އެއްވުމުގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސުލްހަވެރި އިހުތިޖާޖެއް ހުއްޓުވަން ބާރުގެ ބޭނުންކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އެ ޕާޓީގެ ބަޔާނުގައި ވަނީ އެ މުޒާހަރާގެ ތެރެއިން 13 މީހަކު ހައްޔަރުކުރި ކަމަށް ރިޕޯޓުތައް ލިބިފައިވާ ކަމަށް ބުނެފައެވެ.

އެކަމަކު، އެ މީހުންގެ ތަފުސީލެއް ފުލުހުން މިހާތަނަށް ދީފައިނުވާ ކަމަށް އެ ޕާޓީން ބުންޏެވެ. އަދި، އެ މީހުންނާ ބައްދަލުކުރަން ގާނޫނީ ވަކީލުންނަށް ވެސް ފުރުސަތު ނުދޭ ކަމަށް އެ ޕާޓީން ބުންޏެވެ.

"ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރުންނާއި، ކ. މާފުށީ ކައުންސިލްގެ މިހާރުގެ ރައީސް ވެސް ހިމެނޭ. ހައްޔަރުގައި ތިބި މީހުންނަށް މިހާތަނަށް ވަކީލެއްގެ ހައްގު ލިބިފައެއް ނުވޭ،" އެމްޑީޕީން އިނގިރޭސި ބަހުން ނެރުނު ބަޔާނުގައިވެއެވެ.

މީގެ އިތުރުން، އެ ޕާޓީގެ ބަޔާނުގައި ބުނީ އެއްވުމުގެ ތެރެއިން މާ ކައިރިން ޕެޕާ ސްޕޭ ޖެހުމުގެ ސަބަބުންނާއި ތޫނު އަޑު ފޮނުވާ އާލާތް ބޭނުންކުރުމުގެ ސަބަބުން އެ ޕާޓީގެ ހުޅުމާލޭ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ތޫނު އަޑު ފޮނުވާ އާލާތް ނުވަތަ ލޯންގް ރޭންޖް އެކޮއިސްޓިކް ޑިވައިސް (އެލްއާރްއޭޑީ)އަކީ އިވުމުގެ ހިއްސަށް އަސަރުކޮށް، ބޯ އަނބުރައި، ހޮޑުލަވައި އަދި އެ ނޫން ވެސް ބައިވަރު ސިއްހީ މައްސަލަތަކެއް ކުރިމަތިކުރުވާ އެއްޗެއްކަން އެމްޑީޕީން ފާހަގަކުރިއެވެ.

"މި ކަންކަމުން ފެންނަނީ ހަލުވި މިނެއްގައި ދިވެހިރާއްޖޭގެ ޑިމޮކްރަސީ ނެތިދާ މަންޒަރު،" ބަޔާނުގައިވެއެވެ.

އެމްޑީޕީން ވަނީ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލަން ގޮވާލާފައެވެ. އަދި، މި އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރަން ބޭރުގެ ފަރާތްތަކުގެ އެހީއަށް ވެސް އެ ބަޔާނުގައިވަނީ އެދިފައެވެ.

އެ ޕާޓީގެ އެއްވުމަށް ފުލުހުން ހުއްދަ ދީފައި އޮތީ އާޓިފިޝަލް ބީޗުން ނުކުމެގެން އަމީނީ މަގުން ގޮސް، ބޮޑުތަކުރުފާނު މަގުން އައިސް އެނބުރި އާޓިފިޝަލް ބީޗަށް ނިންމާ ގޮތަށެވެ. އެކަމަކު، އެއްވުމުގެ ބައިވެރިން ވަނީ އާޓިފިޝަލް ބީޗުން ނުކުމެ މަޖީދީ މަގުން ކުރިއަށްދާން މަސައްކަތްކޮށްފައެވެ.

އެހެންވެ، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިން ހުއްޓުވާފައެވެ. އޭގެ ތެރޭގައި ކަރުނަގޭހާއި މީގެ ކުރިން މުޒާހަރާއެއް ރޫޅާލަން ފުލުހުން ބޭނުންކޮށްފައިނުވާ އެލްއާރްއޭޑީ ޑިވައިސް ހިމެނެއެވެ. އެ ޑިވައިސް ބޭނުންކުރުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.