15 Aug 2012, 11:36
މައްކާގައި މިހާރު ހިނގަމުންދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސްގެ އެކްސްޓްރާ އޯޑިނަރީ ސެޝަންގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު މިރޭ ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް، އޯއައިސީގެ މި ޚާއްޞަ ޖަލްސާ ފެށުނީ، ރާއްޖޭ ގަޑިން ރޭ މެންދަމު 1.30 ގަ އެވެ. ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ސަޢޫދީ ޢަރަބިޔާގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒެވެ. މި ޖަލްސާގައި، އޯއައިސީގެ މެންބަރު ޤައުމުތަކުގެ އެންމެމަތީ ވެރިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. ރޭގެ ޖަލްސާގައި، މީގެތެރެ އިން ބައެއް ޤައުމުތަކުގެ ވެރިން ވާހަކަފުޅު ދެއްކެވި އެވެ.
މި ޖަލްސާގައި މައިގަނޑު ގޮތެއްގައި މެންބަރުން މަޝްވަރާ ކުރައްވަމުން ގެންދަވަނީ، މައިގަނޑު ހަތަރު މައްސަލައަކާ ބެހޭ ގޮތުންނެވެ. އެއީ ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކާ ބެހޭގޮތުންނާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭ ގޮތުންނާއި ބަރުމާގައި ދިރިއުޅޭ މުސްލިމުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި އަދި މާލީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭގޮތުންނެވެ.
ރޭގެ ޖަލްސާގައި ތަޤްރީރު ކުރެއްވި ބޭފުޅުން، މި މައްސަލަތަކާ ބެހޭ ގޮތުން އަލިއަޅުއްވާލައްވައި މި މައްސަލަތައް ޙައްލު ކުރެއްވުމަށް އެޅެންހުރި ފިޔަވަޅުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި އެވެ.
އިސްލާމީ ދުނިޔެ އަށް މިއަދު ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ބެހޭ ގޮތުން ވެސް، މިޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.