04 Oct 2025, 10:14
ބައިނަލްއަޤުވާމީ ފެންވަރުގައި ފެޝަން އިންޑަސްޓްރީއަށް ކުރިއެރުން ހޯދައިދޭ ލީޑަރުންގެ ތެރޭ ބޮލީވުޑް ބަތަލާ އަނަނިޔާ ޕާންޑޭ ހިމެނިއްޖެއެވެ.
"ބިޒްނަސް އޮފް ފެޝަން 500 ކްލާސް"އިން މި އަހަރު ނެރުނު ލިސްޓުގައި ބައިނަލްއަޤުވާމީ ފަންނާނުން ކަމަށްވާ ހައިލީ ބީބާއާއި ޒޯއީ ކްރެވިޓްޒް ފަދަ ފަންނާނުން ހިމެނުނުއިރު އަނަނިޔާ ވެފައިވަނީ އެ ލިސްޓުގައި ހިމެނުނު ހަމައެކަނި އިންޑިއާގެ ފިލްމީ ތަރިއަށެވެ.
މީގެ ކުރިން އެ ލިސްޓުން ޖާގަ ހޯދި ބޮލީވުޑް ބަތަލާއިންގެ ތެރޭ ޕްރިޔަންކާ ޗޯޕްރާ، ދީޕިކާ ޕަދުކޯން، ސޯނަމް ކަޕޫރު އަދި އާލިއާ ބަޓް ވެސް ހިމެނެއެވެ.
މި އަހަރުގެ "ބިޒްނަސް އޮފް ފެޝަން 500 ކްލާސް" ލިސްޓުން އަނަނިޔާއަށް ފުރުސަތު ލިބުނުއިރު ބަތަލާއަކީ ޔޫރަޕްގެ މަޝްހޫރު ބްރޭންޑް ޝަނަލްގެ އެމްބެސެޑަރުގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ހަމައެކަނި އިންޑިއާގެ ފިލްމީ ތަރިއެވެ.
މީގެ އިތުރުން ވެސް ބައިނަލްއަޤުވާމީ ލަގްޒަރީ ބްރޭންޑްތައް ކަމަށްވާ ޖިމީ ޗޫ ފަދަ ފެޝަން ބްރޭންޑްތަކުން ހިންގާ ކެމްޕޭންތަކުގައި އަނަނިޔާ ވަނީ މީގެ ކުރިން ވެސް މަސައްކަތްކޮށްފައެވެ.

"ބިޒްނަސް އޮފް ފެޝަން 500 ކްލާސް"އިން ޖާގަ ލިބުމާ ގުޅިގެން އަނަނިޔާ ކުރި އިންސްޓަގްރާމް ޕޯސްޓް--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ 2"އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ ބައިވެރިވާ ކޮންމެ ފެޝަން ޝޯއަކުން ވެސް އާއްމުންގެ ފަރާތުން ލިބޭ ތަރުހީބާ އެކު އަނަނިޔާއަކީ ފެޝަން ދުނިޔޭގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދާނެ ތަރިއެއްކަމަށް ބަތަލާއަށް ތަރުހީބުދޭ މީހުން ވަނީ ބުނެފައެވެ.
އަނިނަޔާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި އަހަރުގެ އޭޕްރިލް މަހު ރިލީޒްކުރި ފިލްމު "ކޭސަރީ ޗެޕްޓަ 2"އިންނެވެ. ބަތަލާގެ ކުރިއަށް ހުރި ފިލްމީ ޕްރޮޖެކްޓްތަކުގެ ތެރޭ ކާތިކް އާރިޔަންއާ އެކު ކުޅޭ ފިލްމު "ތޫ މޭރީ މޭ ތޭރާ މޭ ތެރާ ތޫ މޭރީ" އަދި ވެބް ސިރީޒް "ބޭޑްސް އޮފް ބޮލީވުޑް"ގެ އެކްޓަރު ލަކްޝްއާ އެކު ކުޅޭ ފިލްމު "ޗާންދު މޭރާ ދިލް" ހިމެނެއެވެ.