04 Oct 2025, 10:32
ފިލްމު އިންޑަސްޓްރީއަށް ބޭރުން އަންނަ ފިލްމީ ތަރިންނަކީ އެ އިންޑަސްޓްރީއަށް ވަފާތެރި ބައެއް ނޫން ކަމަށް ކުރީގެ ބަތަލާ ތަނީޝާ މުކަރުޖީ ބުނެފިއެވެ.
ޕިންކްވިލާގެ ޕޮޑްކާސްޓް ޝޯއަކަށް ދިން އިންޓަވިއުއެއްގައި ބަތަލާ ކާޖޮލްގެ ކޮއްކޮ ތަނީޝާ ބުނީ, ބޭރުން އިންޑަސްޓްރީއާ ގުޅޭ ތަރިން ގިނަ ފަހަރު ފިލްމީ ދާއިރާއަށް ނުކުންނަނީ ދިރިއުޅުމުގައި ބޭނުންވާ ވަރަށް ގިނަ ކަންކަން ހާސިލުކުރުމުގެ މަގުސަދުގައި ކަމަށެވެ.
އެހެންވެ، އެފަދަ ތަރިންގެ ހިތުގައި ބޮލީވުޑަށް މާބޮޑު ލޯތްބެއް އޮންނަކަމަށް ގަބޫލުނުކުރެވޭ ކަމަށް ތަނީޝާ ވަނީ ބުނެފައެވެ. ފިލްމީ އާއިލާއަކުން ބޮލީވުޑަށް ނުކުންނަ ގިނަ ތަރިންނަކީ ފިލްމު އިންޑަސްޓްރީ ކުރިއެރުވުމުގެ ނިޔަތުގައި އެ ދާއިރާއަށް ނުކުންނަ މީހުން ކަމަށާއި ބޭރުން އިންޑަސްޓްރީއާ ގުޅޭ ތަރިންގެ މަގުސަދު އެއާ މުޅިން ތަފާތު ކަމަށް 47 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.
ތަނީޝާއަކީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ މީހެއް ކަމަށާއި އެހެންވެ ފިލްމީ ދާއިރާގައި ޚާއްސަ މަގާމެއް ހާސިލުކުރުމަށްވުރެ ބޮޑަށް އެ އިންޑަސްޓްރީއާ މެދު ހިތުގައި އޮންނަ ލޯތްބާއި އިހުތިރާމް މާ ބޮޑު ކަމަށް ވަނީ ބުނެފައެވެ.

ތަނީޝާ އަދި ކުރީގެ އެކްޓަރު އުދޭ ޗޯޕްރާ--ފޮޓޯ/ފިލްމުފެއަ
ފިލްމީ އާއިލާތަކުން އިންޑަސްޓްރީއާ ގުޅޭ ގިނަ ތަރިންގެ ހިތުގައި އެ ދާއިރާއަށް އޮންނަނީ ވަކި ޚާއްސަ މަގާމެއް ކަމަށާއި ފިލްމީ މަސައްކަތްތަކަށް އެ ތަރިންދޭ އަހައްމިއްޔަތުކަން ވެސް މާ ބޮޑު ކަމަށް ތަނީޝާ ވަނީ ބުނެފައެވެ.
މި ފަހަކަށް އައިސް ފިލްމީ އާއިލާތަކަށް ނިސްބަތްވާ ތަރިންނަށް 'ނެޕޯ ބޭބީސް'ގެ ނަމުން ގިނަ ބަޔަކު މުހާތަބުކުރި ނަމަވެސް އެ ތަރިން ދެކެ ތަނީޝާ އިންތިހާއަށް ލޯބިވާ ކަމަށާއި ބައެއް މީހުން އެ ފަދަ ތަރިން ދެކެ ނަފުރަތުކޮށް އެކަހެރިކުރާ ސަބަބު ނުވިސްނޭ ކަމަށް މިހާރު ފިލްމީ ދާއިރާއިން ދުރަށް ޖެހިފައިވާ ތަނީޝާ ވަނީ ބުނެފައެވެ.
ކަލާސް ޓީވީން ގެނެސްދިން ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން ހަތެއްގައި ވެސް ބައިވެރިވި ތަނީޝާ ވަނީ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ވެސް މި ޕޮޑްކާސްޓް ޝޯގައި ހިއްސާކޮށްފައެވެ. މިހާތަނަށް ކައިވެންޏެއް ނުކޮށް ހުރި ބަތަލާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ އެ ޝޯގައި ބައިވެރިވި ކުރީގެ އެކްޓަރު އަރުމާން ކޯލީއާ އެކު ލޯބީގެ ގުޅުމެއް ބޭއްވި ހިސާބުންނެވެ.
ނަމަވެސް، އަހަރެއްހާ ދުވަސް ފަހުން ދެ މީހުން ވަނީ ވަކިވެފައެވެ. މިހާތަނަށް ހަޔާތުގައި ލޯބީގެ ގޮތުން ގުޅުނު މީހުންނާ ވަކިވި ނަމަވެސް އެހާ ބޮޑަށް އެކަމާ ދެރަނުވާ ކަމަށް ތަނީޝާ ވަނީ ބުނެފައެވެ.
ތަނީޝާ ދިގު މުއްދަތެއްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެކްޓަރު އުދޭ ޗޯޕްރާއާ ވަކިވުމުން ވަރަށް ފުން ހިތާމައެއް ކުރުވި ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ތަނީޝާއާއި އުދޭގެ ލޯބީގެ ގުޅުން ފެށުނީ ދެ މީހުން އެކީގައި 2005 ވަނަ އަހަރު ކުޅުނު ފިލްމު "ނީލް އެންޑް ނިކީ"ގެ ޝޫޓިން ތެރެއިންނެވެ.
އެ ފިލްމުގައި މަސައްކަތްކުރުމުގެ ކުރިން ވެސް އުދޭ އާއި ތަނީޝާއަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އެހެންނަމަވެސް، ދެ މީހުންގެ ލޯބީގެ ގުޅުމަށް ނިމުން އައިއިރު ގާތް ރަހުމަތްތެރިއެއް ވެސް ގެއްލުމުން އެކަމާ ވަރަށް ދެރަވި ކަމަށް ތަނީޝާ ވަނީ ބުނެފައެވެ.