ކާމިޔާބު ގިނަ ހޮރޯ ކޮމެޑީ ޖޯންރާގެ ފިލްމުތައް ގެނެސްދެމުން އަންނަ މެޑްޑޮކް ފިލްމްސްގެ "ތަމާ"ގެ ކާސްޓުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރަކީ ފިލްމުގެ ލީޑް ތަރި އަޔުޝްމާން ކުރާނާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ގިނަ ބަޔަކު އުންމީދުކުރި ގޮތުގައި މި ފިލްމުން އެންމެ ބޮޑު އާމްދަނީއެއް ލިބޭނީ ބްލޮކްބާސްޓަ ފިލްމު "ޕުޝްޕާ"ގެ ބަތަލާ ރަޝްމިކާއަށެވެ.

ނަމަވެސް، ބޮލީވުޑް ރިޕޯޓުތައް ބުނާގޮތުގައި "ތާމާ"ގައި އަޔުޝްމާން ކުޅޭ ރޯލަށް މެޑްޑޮކްއިން ވަނީ މަދުވެގެން 10 ކްރޯޑު ރުޕީސްގެ އަގެއް އެކްޓަރަށް ހުށަހަޅާފައެވެ. އަދި، ބަތަލާ ރަޝްމިކާއަށް އެ ކުންފުނިން ހުށަހަޅާފައިވަނީ ފަހެއް ނުވަތަ ހަތް ކްރޯޑު ރުޕީސް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ތާމާ"ގެ ޕޯސްޓަރުތަކެއް--ފޮޓޯ/ޕިންކްވިލާ

ސައުތު ސިނަމާގެ އެންމެ މަގުބޫލު ބަތަލާއިންގެ ތެރޭ ހިމެނޭ ރަޝްމިކާއަކީ މިހާރު ބޮލީވުޑްގެ ވެސް އެންމެ ކާމިޔާބު ފިލްމުތަކުން ފެންނަ ތަރިއަކަށްވުމާ އެކު ރަޝްމިކާއަށް މެޑްޑޮކް ފަދަ ކުންފުންޏަކުން އަގު ހުށަހެޅިއިރު ހުށަހަޅާފައިވަނީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް ވެސް ބަތަލާގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.

އަޔުޝްމާނާއި ރަޝްމިކާގެ އިތުރުން "ތާމަ"ގެ މުހިއްމު ރޯލްއެއް ކުޅެފައިވާ އެކްޓަރު ނަވާޒުއްދީންއަށް ފިލްމުން 4-3 ކްރޯޑު ރުޕީސް ލިބޭ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ ހޮރޯ-ކޮމެޑީ ޔުނިވާސްއަށް ނިސްބަތްވާ ފިލްމު "ތާމާ"އަކީ އެ ސްޓޫޑިއޯއިން މިދިޔަ އަހަރު ގެނެސްދިން ކާމިޔާބު ހޮރޯ-ކޮމެޑީ ފިލްމު "މުންޖިއާ" ގެނެސްދިން އަދިތިޔާ ސަރްޕޯތްދަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

އަޔުޝްމާން ކުރާނާ ވެމްޕަޔައެއްގެ ކެރެކްޓާ ކުޅޭ ފިލްމު "ތާމާ" ސިނަމާތަކަށް ގެންނާނީ މި މަހުގެ 21ގައެވެ.