15 Aug 2012, 11:15
އުސްފަސްގަނޑު އަތުލުމަށް ދައުލަތުން މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ކޮށްފައިވާ ދައުވާގައި ނެރެދިނުމަށް އެދިފައިވާ އަމުރު ނެރޭނެ ތަނެއް ނެތް ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
އުސްފަސްގަނޑު ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ދައުލަތުން ސިވިލް ކޯޓުގައި ދައުވާކޮށްފައިވާ މައްސަލައިގެ އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ ސިޓީ ކައުންސިލުން ދައުވާއަށް ޖަވާބުދާރީ ވުމެވެ.
ދައުވާއަށް ޖަވާބުދާރީ ވަމުން ސިޓީ ކައުންސިލްގެ ވަކީލު މުހައްމަދު ފަރީދު ވިދާޅުވީ ބިންހަވާލުކުރުމާ ގުޅޭ ގާނޫނާއި ގަވާއިދާއި ސިޓީ ކައުންސިލުން ޚިލާފުވެގެން އެތަން އަނބުރާ ނެގި ކަމަށް ސަރުކާރުން އެންގުމުން ވެސް އުސްފަސްގަނޑު ހަވާލުކޮށްފައި ނުވާތީ ކޮށްފައިވާ ދައުވާއެއް ކަމަށް ދައުލަތުގެ ދައުވާ އިން އެނގޭ އިރު ދައުވާގެ އެއްވެސް މާއްދާއެއްގައި އުސްފަސްގަނޑު ހަވާލުކުރި އެއްބަސްވުމާ ޚިލާފަށް ސިޓީ ކައުންސިލުން ކޮށްފައިވާ ކަމެއް ބުނެފައި ނުވާ ކަމަށެވެ.
ފަރީދު ވިދާޅުވީ ދެ ފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކާ ޚިލާފުވެގެން އެއްބަސްވުން ބާތިލް ކުރާ ނަމަ ނުވަތަ އެއްބަސްވުމުގެ ދަށުން ލިބިފައިވާ ހައްގެއް ނުވަތަ މަންފާއެއް އަނބުރާ އަތުލާ ނަމަ އެންމެ ފުރަތަމަ ސާބިތުކޮށްދޭން ޖެހޭނީ އެއްބަސްވުމާ ޚިލާފުވި ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ދައުވާގެ އެއްވެސް ނުކުތާއެއްގައި ސިޓީ ކައުންސިލުން އެއްބަސްވުމާ ޚިލާފަށް ނުވަތަ ގާނޫނާއި ގަވާއިދާއި ޚިލާފަށް ކުރިކަމެއް ބަޔާންކޮށްފައި ނުވުމުން ދޭހަވަނީ އެފަދަ ކަމެއް ހިނގާފައި ނުވާކަން ކަމަށެވެ.
"ކުރުކޮށް ދަންނަވާ ނަމަ ދައުވާ ބިނާކޮށްފައިވާ ގޮތަކީ މަލޭ ސިޓީ ކައުންސިލުން އެއްބަސްވުމާއި އަދި ގާނޫނާއި ގަވާއިދާއި ޚިލާފުވެގެން، ޝަރީއަތް މެދުވެރިކޮށް ބިން އަނބުރާ ހޯދުމުގެ ދައުވާއެއް ކަމަށްވާ އިރު މި ދައުވާގައި ގޮތެއް ކަނޑައަޅަން ވާނީ މާލޭ ސިޓީ ކައުންސިލުން ބިން ހަވާލުކުރި އެއްބަސްވުމާއި އަދި ގާނޫނާއި ގަވާއިދާއި ޚިލާފަށް ކުރިކަމެއް ބުނެދިނުމަށް ދައުލަތުގެ މައްޗަށް އަންގާ އަމުރުކުރުމަށް ފަހު އެކަމަށް މާލޭ ސިޓީ ކައުންސިލުން ރައްދު ދިނުމުން އެކަން މިޝަރީއަތުގެ މަޖިލީހުގައި ބެލެވިގެން ކަމަށް ބުނަމެވެ،" އިއްޔެގެ ޝަރީއަތުގައި ފަރީދު ވިދާޅުވި އެވެ.
ސިވިލް ކޯޓުގެ ގާޒީ އިއްޔެގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ސިޓީ ކައުންސިލްގެ ވާހަކަތަކަށް ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ޖަވާބުދެއްވުމަށް ދައުލަތަށް ފުރުސަތު ދިނުމަށް ފަހު އެވެ.