އިދިކޮޅު އެމްޑީޕީން "ލޫޓުވައިފި، ލޫޓުވައިފި" ނަމުގައި ކުރިއަށްދާ މުޒާހަރާގައި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅި ކަމަށާއި، އެ އަމަލު ހިންގި މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފިއެވެ.

އާޓިފިޝަލް ބީޗުން ނިކުމެ، މަޖީދީ މަގަށް މުޒާހަރާގެ ބައިވެރިން ނިކުތުމުން އެސްއޯ ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާފައެވެ. އެއަށްފަހު، މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ޖަހާފައެވެ. އަދި މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެމްޑީޕީން މިރޭ މާލޭގައި ކުރިއަށްދާ އެއްވުމުގައި މަޖީދީ މަގުން ކުރިއަށްދާ ފެށީ، ކުރިން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް ކަމަށެވެ.

އެމްޑީޕީގެ މުޒާހަރާގެ ތެރެއިން އެސްއޯ ފުލުހުން: ފުލުހުން ބުނީ، މުޒާހަރާގެ ބައިވެރިން މަޖީދީ މަގުން ކުރިއަށްދިޔައީ ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް ކަމަށް ---- ސަން ފޮޓޯ/ އަހުމަދު ފިރްޔާލް

އެގޮތަށް އަމަލުނުކުރުމަށް ތަކުރާރުކޮށް މުޒާހާރާގެ ބައިވެރިންނަށް އިންޒާރު ދީފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް، އެކަމަށް އިޖާބަ ދިނުމެއް ނެތި، މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކާފައިވާ ކަމަށާއި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އެހެންވެ، އެފަދަ އަމަލުތައް ހިންގާފައިވާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މުއައްސަސާއިން ވަނީ، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްނޭޅުމަށް އެންމެހާ ފަރާތްތަކަށް ނަސޭހަތްތެރިވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ގިނަ އަދަދެއްގެ މީހުން އެއްވި، އެ މުޒާހަރާގެ ތެރެއިން އަންނަނީ މީހުން ހައްޔަރުކުރަމުންނެވެ. އެމީހުންގެ އަދަދު ފުލުހުން މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު، އެ ސަރަހައްދުގައި ތިބި 'ސަން'ގެ ނޫސްވެރިންނަށް ވަނީ ތިން މީހަކު ހައްޔަރު ކުރި މަންޒަރު ފެނިފައެވެ.