ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފުވެފައިވާ ކަމަށާއި، މުޅި އިގްތިސޯދު ހަލާކުކޮށްލައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅައިފިކަމަށް ބުނެ, އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާގައި ސަރުކާރަށް ޑިމާންޑްތަކެއް ކޮށްފިއެވެ.

އެތައް ސަތޭކަ ބަޔަކާއެކު, މިރޭ އާޓިފިޝަލް ބީޗުގައި އެމްޑީޕީން ބޭއްވި "ލޫޓުވައިފި، ލޫޓުވައިފި" ބޮޑު އެއްވުމުގައި, އެ ޑިމާންޑްތައް އިއުލާން ކުރައްވަމުން, ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، ވިދާޅުވީ، ރައްޔިތުން މި އެއްވުމަށް އައީ ސަރުކާރާ މެދު ހިތްހަމަނުޖެހި ކަމަށެވެ.

"ސަކަރާތް ޖަހާކަށްނޫން މި އައީ، ހޭކަށްވެސް ނޫން މި އައީ، ރުޅިއައިސްގެން ހިތްހަމަނުޖެހިގެން މިއައީ،" ވާހަކަ ފައްޓަވަމުން އޭނާ ވިދާޅުވިއެވެ.

"ލޫޓުވައިފި" މުޒާހަރާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަދައްކަވަނީ: އޭނާ ވަނީ ފަސް ޑިމާންޑެއް ކުރައްވައިފަ --- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

ރައްޔިތުން ހިތްހަމަނުޖެހޭ ސަބަބުތަކެއް ކަމަށް މައުރޫފް ވިދާޅުވީ، ރައީސް ޤާނޫނުއަސާސީ ފުނޑާލައްވައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބާރު ކަނޑުވާލައި، ގައުމުގެ އިގްތިސޯދާއި މާލީ ނިޒާމު ހަލާކުކޮށްލުމުގެ އިތުރުން، ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައިފައިވުމުން ކަމަށެވެ.

އެއާއެކު، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތައްވެސް ސަރުކާރުން ފޭރިގެންފައިވާ ކަމަށް ވިދާޅުވެ، އޭނާ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

"އެހެންވީމާ ހިތްހަމަނުޖެހިގެން ރުޅި އައިސްގެން މި ސަރުކާރަށް ނޫނެކޭ ބުނަން ރައްޔިތުން މިތަނަށް މި އެއްވީ،"

ފުލުހުންނާއި ސިފައިންނަށް އޮންނާނީ ރައްޔިތުން ހިމާޔަތްކުރުން ކަމަށް ވިދާޅުވެ، ރައްޔިތުން މިރޭ ނުކުތީ މި ވެރިކަން ބަދަލުކުރަން ކަމަށް މައުރޫފް ވިދާޅުވިއެވެ.

"ރައީސް މުއިއްޒަށް އަޅުގަނޑު މިރޭ ފަސް ޑިމާންޑެއް ހުށަހަޅާނަން،" އެހެން ވިދާޅުވެ، މައުރޫފް ފަސް ޑިމާންޑެއް ހުށަހެޅުއްވިއެވެ.

އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރެވޭ ގޮތް ބަދަލުކޮށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު އަނބުރާ ގެންދިއުމަށާއި، ކުރިއަށް އޮތް ފަސް ހަފުތާގެ ތެރޭ އަމިއްލަ ކުންފުނިތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ދޭން ފެށުމަށާއި، ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް އަނބުރާ ގެންދިއުމުގެ އިތުރުން، މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލައި، އާސަންދައާއި ބޭސްފަރުވާ އަދި ރައްކާތެރި ބޭސް ހަމައަށް ލިބެމުން އައި މިންވަރަށް ލިބިދުނުމަށާއި ބޭސްތައް ބަރާބަރަށް ލިބޭނެގޮތް ހެދުމަށެވެ.

މައުރޫފް ވިދާޅުވީ، މިވެރިކަން ބަދަލުކުރަން ޖެހޭ މަސައްކަތްކުރުމަށް އެމްޑީޕީން ތައްޔާރަށް އެބަ ތިބި ކަމަށެވެ.

މިރޭގެ އެއްވުމުގައި ވަނީ އެތައް ސަތޭކަ ރައްޔިތުންނެއް ބައިވެރިވެފައެވެ. މުޅި އާޓީފިޝަލް ބީޗު ސަރަހައްދު ފުރިފައިވާއިރު، މި އެއްވުމުގެ މަގްސަދަކީ މި ސަރުކާރަށް ތުހުމަތުކުރާ ކޮރަޕްޝަންގެ އެކި މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު އިއްވުން ކަމަށް އެމްޑީޕީން ބުނެއެވެ.