ފުލުހުންގެ ހެޑް އޮފް މާލެ ޕޮލިސްގެ މަގާމަށް އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް އައްޔަނުކޮށްފިއެވެ.

ފުލުހުން ބުނީ، ހެޑް އޮފް ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަގާމުގައި ހުންނެވި ޝަރީފް ހެޑް އޮފް މާލެ ޕޮލިސްގެ މަގާމަށް އިއްޔެ އައްޔަނުކޮށްފައިވާ ކަމަށެވެ.

ކުރިން އެ މަގާމުގައި ހުންނެވީ، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އާސިމް އަބްދުﷲއެވެ.

ޝަރީފަކީ ފުލުހުންގެ އެކި ޑިޕާޓުމަންޓުތަކުގައި އިސްކޮށް، މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެ ބަދަލު ގެނައި ވަކި ސަބަބެއް ހާމަނުކޮށް ފުލުހުން ބުނީ، އެ މުއައްސަސާގެ ބަހާތަކުގެ ހިންގުމަށް އަބަދުވެސް ބަދަލު ގެންނަމުން އަންނަ ކަމަށެވެ.

ފުލުހުން ހެޑް އޮފް މާލެ ޕޮލިސްގެ މަގާމަށް ޝަރީފް އައްޔަނުކުރިއިރު، އިދިކޮޅު އެމްޑީޕީން އިސްވެ އަންނަނީ "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި މިރޭ އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ.

ފުލުހުން މީގެ ކުރިން ވަނީ، އެ އެއްވުމުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި މިއަދާއި މިރޭ މާލޭގެ ބައެއް ސަރަހައްދުތައް، ވަކި ސަބަބެއް ނާންގައި، ބަންދުކުރާނެ ކަމަށް ބުނެފައިވެއެވެ.