ޕެރިސް (އޮގަސްޓް 15): ފަރަންސޭސިވިލާތުގެ އުތުރުގެ ރަށެއްކަމަށްވާ އެމިއެންސްގައި ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގައި ފުލުހުންނަށް ޙަމަލާދީ ވެހިކަލްތަކާއި ޢިމަރާތްތަކުގައި ހުޅުޖެހުމުގެ ޢަމަލުތަކެއް ހިންގަމުންގެންދާ ކަމަށް ޚަބަރު ލިބއްޖެ އެވެ.

އެމިއެންސްގެ ޒުވާނުންގެ ބަޔަކު ހޯމަ ދުވަހުގެ ރެއިން ފެށިގެން ހިިންގަމުން ގެންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް ފުލުހުން ނުކުޅެދިފައިވާ އިރު ފަރަންސޭސި ދާޚިލީ ވުޒާރާ އިން ވަނީ އިތުރު ފުލުހުންނާއި ވަސީލަތްތައް އެމިއެންސަށް ފޮނުވަމުންގެންދާކަން ހާމަކޮށްފަ އެވެ. އެމިއެންސަށް ވަޑަިއގެން ފަރަންސޭސި ދާޚިލީ ވަޒީރު މެނުއެލް ވާލްސް ވިދާޅުވީ ހަމަނުޖެހުންތަކާ ދެކޮޅަށް ސަރުކާރުން ހަނގުރާމަކުރާނެ ކަމުގަ އެވެ. އަދި އެމިންސްގައި ހަމަޖެހުން ޤާއިމްކުރުމަށް ޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ސަރުކާރުން ކުރާނެ ކަމަށާއި ސަރުކާރުން ހަމަނުޖެހުމަށް ފުރްސަތު ނުދޭނެ ކަމަށް ވާލްސް ވިދާޅުވި އެވެ.

އެމިންސްގެ ޒުވާނުން ހިންގަމުން ގެންދާ ހަމަނުޖެހުންތަކާއި އިޙްތިޖާޖްތަކުގެ ފަހަތުގައި ވަނީ އިޤްތިސާދީ އަދި އިޖްތިމާޢީ މައްސަލަތައް ކަމަށް ޚަބަރުލިބެ އެވެ. (ރޮއިޓާސް)