ވަންޕްލަސްގެ އާ ފޯނު، ވަންޕްލަސް 15، އަންނަ ނޮވެންބަރު މަހު ދުނިޔޭގެ ބާޒާރަށް ނެރޭނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ވަންޕްލަސްއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ފަހަރުގެ އެންމެ ބޮޑު ބަދަލަކީ އެ ކުންފުނީގެ އާ އޮޕަރޭޓިން ސިސްޓަމް، އޮކްސިޖަންއޯއެސް 16 އަށް ގޫގުލްގެ ޖެމިނައި އޭއައި ގުޅުވާލުމެވެ. މި ގުޅުވުމުގައި 'ޕްލަސް މައިންޑް' ކިޔާ ފީޗާއެއް ހިމެނޭނެއެވެ.

ޗައިނާގައި އޮކްޓޯބަރު 27 ގައި ނެރޭނެ ކަމަށް ބެލެވޭ ވަންޕްލަސް 15، ދުނިޔޭގެ ބާޒާރަށް ނޮވެންބަރު 13 ގައި ނެރޭނެ ކަމަށް 91މޯބައިލްސް ހިންދީއިން ވަނީ ރިޕޯޓްކޮށްފައެވެ.

މި ފޯނުގައި ކުއަލްކޮމްގެ އެންމެ ފަހުގެ ސްނެޕްޑްރެގަން 8 އެލިޓް ޖެން 5 ޗިޕްސެޓް ހުންނާނެކަމަށް އެ ވެބްސައިޓްގައި ބުނެފައިވެއެވެ. ޑިސްޕްލޭއަށް ބަލާއިރު، 165 ހާޓްޒް ރިފްރެޝް ރޭޓްގެ އޯލެޑް ޑިސްޕްލޭއެއް ހިމެނޭނެއެވެ. އޮޕަރޭޓިންގ ސިސްޓަމްގެ ގޮތުގައި އެންޑްރޮއިޑް 16 އަށް ބިނާކޮށްފައިވާ ކަލާއޯއެސް 16 ސްކިންއާއެކު މި ފޯނުގައި ހިމެނޭނެއެވެ. އަދި، މި ފޯނު ތަފާތު ކުލަތަކުގައި ނެރޭނެކަމަށް ބެލެވޭއިރު، އެނެމް ޚާއްޞަކުލައަކަށް ގިނަބަޔަކު ބަލަމުން އަންނަނީ "ސޭންޑް ޑޫން" ކުލައެވެ.

ވަންޕްލަސް 15 އަށް އެންޑްރޮއިޑްގެ ގިނަޔޫޒަރުން ދަނީ އިންތިޒާރު ކުރަމުން ---

ވަންޕްލަސް އިންޑިއާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އޮކްސިޖަންއޯއެސް 16 އަށް ގޫގުލްގެ ޖެމިނައި އޭއައި މޮޑެލްސް ގުޅުވާލެވޭއިރު، މިއީ ފޯނުގެ އޭއައި ގާބިލިއްޔަތުތައް ވަރަށް ބޮޑަށް އިތުރުކޮށްދޭނެ ކަމެކެވެ. އަދި، މީގެ ސަބަބުން ޖެމިނައި އެސިސްޓެންޓަށް 'މައިންޑް ސްޕޭސް' ހަބްގައި ބޭނުންކުރާ ފަރާތްތަކުން ސޭވްކޮށްފައިވާ ކޮންޓެންޓްތަކަށް ވަދެވޭނެއެވެ. މި ކަމަށް ވަންޕްލަސްއިން ނަންދީފައިވަނީ 'ޕްލަސް މައިންޑް' ފީޗާއެވެ.

ވަންޕްލަސްއިން މި އަޕްޑޭޓް އާންމުކުރީ "ތިޔަބޭފުޅުންގެ ޕްލޭނާ، އެސިސްޓެންޓް، އަދި މެނޭޖަރާއި، ހުރިހާ އެއްޗެއް އެކުގައި،" މި ޓެގްލައިންއާއެކުއެވެ.

މި ފީޗާއަކީ ކޮންމެ ދުވަހެއްގެ މަސައްކަތްތައް ތަރުތީބުކޮށްދީ ކުރާނެ ކަންކަމާއި ނުކުރަންވީ ކަންކަން ބުނެދީ ދުވަހުގެ "ބްރީފިން" އެއް ދިނުމާ އެކު ޔޫޒަރަށް ފަސޭހަތަކެއް ކޮށްދޭނެ އޭއައި ފީޗާއެކެވެ.

އަދި، މީގެ އިތުރުން 'ޕްލަސް މައިންޑް' ފީޗާގެ ސަބަބުން ޔޫޒަރުންނަށް ކޮންޓެންޓްތައް އަމިއްލައަށް ހޯދަން ޖެހުން ކުޑަކޮށް، ޕާސަނަލައިޒްޑް ކަންކަން ކުރުމަށް ޖެމިނައިއަށް އެހީތެރިވެދޭނެއެވެ. މިގޮތުން، ތިބާގެ ދަތުރުފަތުރުގެ ތަފުސީލުތަކާއި، ޝައުޤުވެރިކަން ހުންނަ ކަންތައްތައް ޖެމިނައިއަށް ދިނުމުން، އެ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ދަތުރުގެ ޕްލޭނެއް އެކުލަވާލެވޭނެއެވެ.

ޖެމިނައި އޭއައިއާ އެކު މި ހެޔޮބަދަލު ގެނެވިފައިވާ ޕްލަސް މައިންޑް ފީޗާ، އޮކްސިޖަންއޯއެސް 16 އާއެކު ވަންޕްލަސްގެ ފްލެގްޝިޕް ޑިވައިސްތަކަށް ލިބޭނެއެވެ. ނަމަވެސް، އޮކްސިޖަންއޯއެސް 16 ދުނިޔޭގެ ބާޒާރުތަކަށް ނެރޭނެ ރަސްމީ ތާރީޚެއް ވަންޕްލަސް އިން އަދި ހާމަކޮށްފައެއް ނުވެއެވެ.