މައްކާ (އޮގަސްޓް 15): އިއްޔެ ހަވީރު މާތްވެގެންވާ މައްކާގައި ފެށުނު އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ އިސްތިސްނާއީ ސަމިޓްގެ އިފްތިތާޙީ ޖަލްސާގައި އިސްލާމީ އުންމަތް އެއްބައިވެ އެކަތިގަނޑަކަށް ވުމަށާއި ފިތްނައިން ދުރުވުމަށް ސައޫދީ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްއަޒީޒް އިސްލާމީ އުންމަތަށް ގޮވާލައްވައިފި އެވެ.

ޢަބްދުﷲ ވިދާޅުވީ މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ އެއްޤައުމު އަނެއް ޤައުމާ ފިތްނަވެގެން މުސްލިމުންނަށް ކާމިޔާބު ނުލިބޭނެ ކަމަށާއި އިސްލާމީ އުންމަތައް ކުރިމަތިވެފައިވާ މައްސަލަތައް ވަރަށް ޚުތޫރަތްތަތެރި ކަމުގަ އެވެ. ޢަބްދުﷲގެ ވާހަކާގައި މުސްލިމުންގެ މެދުގައިވާ ސުންނީ ޝިޔައީ ފަދަ މަޛްހަބްތަކުގެ މެދުގައި އުފެދިފައިވާ ޙައްސާސީ މައްސަލަތަކާއި ނުތަނަވަސްކަން ވާހަކަ ދައްކައިގެން ޙައްލުކުރުމަށް ޓަކައި މިކަމަށް ޚާއްސަ މަރުކަޒެއް ރިޔާޒްގައި ހުޅުވުމަށް ގޮވާލެއްވި އެވެ.
އިސްލާމީ އުންމަތަށާއި ދުނިޔޭގެ މުސްލިމުންނަށް މިދުވަސްވަރު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާ މެދު މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް ޓަކައި ދެ ދުވަހުގެ މުއްދަތަށް ބާއްވާ މިސަމިޓްގައި މަޝްވަރާކުރަމުން ގެންދާ ކަންތައްތަކުގެ ތެރޭގައި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޯއައިސީގެ މެންބަރުކަމުން ސޫރިޔާ ސަސްޕެންޑް ކުރުމަށް އިސްލާމީ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުން ކޮށްފައިވާ ރެކޮމެންޑޭޝަން ހިމެނޭ ކަމަށް ޚަބަރުލިބެ އެވެ.

މިސަމިޓްގެ އެޖެންޑާގައި ސޫރިޔާގެ މައްސަލައާއި ފަލަސްތީނާއި ޤުދްސުގެ މައްސަލައިގެ އިތުރުން މިޔަންމާގެ މުސްލިމުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ވެސް ހިމެނެ އެވެ. މިސަމިޓްގެ އިފްތިތާޙީ ޖަލްސާގައި އޯއައިސީގެ މިދައުރުގެ ރައީސް ސެނެގޯލްގެ ރައީސް މާކީ ސާލް ދެއްކެވި ވާހަކަފުޅު ވެސް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ މުސްލިމުންގެ މެދުގައި އަޚުވަންތަކަން ޤާއިމްކޮށް ފިތްނައިން ދުރުހެލިވުމުގެ މައްޗަށެވެ. (އަލްޖަޒީރާ)