ވޮޝިންގޓަން (އޮގަސްޓް 14): އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޖުމްހޫރީ ޕާޓީގެ ފަރާތުންވާދަކުރައްވާ ކެންޑިޑޭޓް މިޓް ރޮމްނީގެ ރަނިންމޭޓަކަށް ހަމަޖެއްސި ޕޯލް ރިޔާންއަކީ ކޮންގްރެސްގައި ރިޕަބްލިކަން ޕާޓީގެ ތަމްޘީލްކުރައްވާ "އައިޑިއޮލޮޖިކަލް ލީޑަރު" ކަމަށް ސިފަކުރައްވައި ރައީސް ބަރަކް އޮބާމާ ޕޯލްއަށް ރީތިބަހުން ބަހުގެ ޙަމަލާއެއް ދެއްވައިފި އެވެ.

އޮބާމާ ޕޯލްއަށް ދެއްވި ބަހުގެ ޙަމަލާގައި ޕޯލްއަށް މަތިމަތިން ތަޢްރީފް ކުރައްވައި އޭނާއަކީ ތަހުޒީބު ބޭފުޅެއް ކަމަށް ސިފަކުރައްވައި މަރްޙަބާ ދަންނަވާ ކަމަށް ވިދާޅުވި ނަމަވެސް ޕޯލްއަކީ މުއްސަނދިންގެ ދިފާޢުގައި މަސައްކަތްކުރައްވާ އަދި ބަޖެޓް މައްސަލާގައި ހަރުކަށި ގޮތްތަކެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށް ދޭހަވާގޮތަށް ވާހަކަ ދެއްކެވި އެވެ. މިއީ ޖުމްހޫރީ ޕާޓީގެ އެލީޓުންގެ ތެރޭގައި ހިމެނޭ ޕޯލް ރިޔާންއަށް އޮބާމާގެ ޓީމުން ބަހުގެ ޙަމަލާތައް ދިނުމުގެ ފެށުން ކަމަށް މުރާސިލުން ސިފަކުރެ އެވެ.

ބޮޑާކަމާއި އަބުއިގޮތްތަކެއް ގެންގުޅުއްވާ ކަމަށް ރޮމްނީގެ އިތުރުން ޕޯލްގެ މައްޗަށް ވެސް އޮބާމާގެ ކެމްޕޭން ޓީމުން ތުހުމަތު ކުރެ އެވެ. އަދި އެމެރިކާގެ ޢާންމު ރައްޔިތުންނާ ގުޅުންކުޑަކަމުގެ ތުހުމަތު ވެސް މިދެ ބޭފުޅުންގެ މައްޗަށް އޮބާމާގެ ޓީމުން ކުރެ އެވެ. މިކަމުގެ ބޭނުމަކީ ރޮމްނީއާއި އޭނާގެ ރަނިންގްމޭޓްގެ ބަލިފައިދެއްކުން ކަމަށް ވަނީ ބެލެވިފަ އެވެ. ރޮމްނީއާއި އޭނާގެ ރަނިންމޭޓް ޕޯލް ރިޔާންއަކީ ވެސް އެމެރިކާގެ މުދަލާއި ފައިސާގެ ބޮޑުބައި ކޮންޓްރޯލްކުރާ މަދު ޢަދަދެއްގެ އެލީޓުންނަށް ނިސްބަތްވާބޭފުޅެކެވެ. (ނޫސްއެޖެންސީތައް)