03 Oct 2025, 10:22
ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފްއަށް ހޮލީވުޑްގެ ވަރަށް ވަރުގަދަ އެކްޝަން ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުން ޓައިގާއަށް ފުރުސަތު ލިބުނީ އެމެޒަން އެމްޖީއެމްއިން ޕްރޮޑިއުސްކުރާ އެކްޝަން ފިލްމަކުންނެވެ.
ޓައިގާއާ އެކު މި ފިލްމުގައި ދެން މަސައްކަތް ކުރާނީ ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ލެޖެންޑް ސިލްވެސްޓާ ސްޓެލޯން އާއި ތައި މާޝަލް އާޓްސް އެކްޓަރު ޓޮނީ ޖާ ކަމަށް ޕިންކްވިލާގައި ވެސް ވަނީ ބުނެފައެވެ.
މި ފިލްމަކީ ގްލޯބަލް ފިލްމެއް ކަމުން ފިލްމުގެ ފޯމެޓް އިންނާނީ މަލްޓި-ލެންގުއެޖް ފިލްމެއް ގޮތަކަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ބޮލީވުޑް އެކްޓަރު ޓައިގާ ޝްރޮފް އަދި ހޮލީވުޑް އެކްޓަރުން ކަމަށްވާ ލެޖެންޑް ސިލްވެސްޓާ ސްޓެލޯން އާއި ތައި މާޝަލް އާޓްސް އެކްޓަރު ޓޮނީ ޖާ--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމުގެ ޑައިރެކްޓަރަކީ އިންޑިއާގެ ފިލްމު ޑައިރެކްޓަރަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށާއި ނަމަވެސް އެއީ ކާކުން ވަނީ ސިއްރުކޮށްފައި ކަމަށް ވެސް ޕިންކްވިލާގައި ވަނީ ބުނެފައެވެ.
ޕިންކްވިލާގައި ބުނެފައިވާ ގޮތުން މި ފިލްމާ ގުޅޭ މަޝްވަރާތައް ޓައިގާ ޝްރޮފްއާ އެކު ކުރިއަށްދާއިރު ހޮލީވުޑް އެކްޓަރު ސިލްވެސްޓާ ސްޓެލޯން އަކީ ޓައިގާގެ އައިޑޮލްއެއް ކަމަށާއި އެހެންކަމުން ފިލްމަށް އެކްޓަރު އެއްބަސްވުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެކުރިންވެސް އެކްޓަރު ސިލްވެސްޓާ ސްޓެލޯން ވަނީ ބޮލީވުޑްގެ ފިލްމަކުން ފެނިފައެވެ. އެއީ 2009 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ކަމްބަކްތު އިޝްގް"އެވެ.
އެހެންކަމުން އިންޑިއާގެ ޑައިރެކްޓަރަކާ އެކު މަސައްކަތް ފަށާ މި ފިލްމު ވެގެންދާނީ ސިލްވެސްޓާ ސްޓެލޯން މަސައްކަތް ކުރާނެ ފުރަތަމަ ފީޗަ ފިލްމަށްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓައިގާ ހޮލީވުޑް ފިލްމަކަށް ސޮއިކުރި ކަމަށް ބުނެފައިވާއިރު ސިލްވެސްޓާ ސްޓެލޯންގެ މަޝްހޫރު ހޮލީވުޑް ފިލްމު "ރާމްބޯ"ގެ ރިމޭކްއެއް އިންޑިއާގައި އުފައްދަން އުޅޭކަމުގެ އަޑުތަކެއް ވެސް ތަންކޮޅެއް ކުރިން ވަނީ އަރާފައެވެ.
ޓައިގާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ރިލީޒްކުރި ފިލްމު "ބާޣީ 4"އިންނެވެ.