މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު މަރުވި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒުބީން ގަރްގް މަރުވި ހާދިސާއާ ގުޅިގެން އޭނާގެ މެނޭޖަރު ސިދާތު ޝަރުމާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޒުބީންގެ މެނޭޖަރު ސިދާތު ޝަރުމާގެ އިތުރުން ލަވަކިޔުންތެރިޔާ ބައިވެރިވި ފެސްޓިވަލް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޝިޔާމްކަނޫ މަހަންތާ ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މަހަންތާ ހައްޔަރުކޮށްފައި ވަނީ ސިންގަޕޫރުން އިންޑިއާއަށް އޭނާ ދަތުރުކުރި މަގުމަތީގައި ދިއްލީގެ އެއާޕޯޓުންނެވެ. އާސާމް ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް( ސީއައިޑީ)ގެ ސްޕެޝަލް ޑީޖީޕީ މުންނާ ޕްރަސާދް ގުޕްތާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ނިއު ދިއްލީގެ ކޯޓުން 14 ދުވަސް ޖަހާފައިވާ ކަމަށެވެ.

ކުރީގެ ލަވަކިޔުންތެރިޔާ ޒުބީންގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި އޭނާގެ މެނޭޖަރު އަދި ސިންގަޕޫރުގައި ބޭއްވުމަށް ހަމަޖެހުނު ފެސްޓިވަލް އިންތިޒާމުކުރި ފަރާތް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އާސާމަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ ޒުބީންގެ މަރުގައި ޝައްކުކުރެވޭ ގިނަ ކަންކަންތައްތަކެއް ހުރި ކަމަށް ބެލެވޭތީ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންނާ ގުޅޭ މައުލޫމާތު ދެވެން ނެތް ކަމަށް ވެސް އާސާމްގެ ފުލުހުން ވަނީ މީޑިއާގައި ބުނެފައެވެ. އާސާމްގެ ސަރުކާރުން ވަނީ ޒުބީންގެ މަރުގެ މައްސަލަ ބެލުމަށް 10 މެމްބަރުންގެ ހާއްސަ ތަހުގީގު ޓީމެއް ވެސް އެކުލަވާލާފައެވެ.

ޒުބީން މަރުވެފައި ވަނީ ސިންގަޕޫރުގައި ސްކޫބާ ޑައިވިންގް ހަރަކާތެއްގައި ބައިވެރިވާން ގޮސް އުޅުމުގެތެރޭ ގެނބިގެން ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ޒުބީން މޫދަށް ފުންމާލީ ލައިފް ޖެކެޓެއް ވެސް ނުލާ ކަމަށާއި ލަވަކިޔުންތެރިޔާ މަރުވީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ.

ޒުބީން ސިންގަޕޫރަށް ގޮސްފައި ވަނީ އެ ޤައުމުގައި ބާއްވަން ރޭވި "ނޯތު އީސްޓް ފެސްޓިވަލް"ގައި ޕާފޯމް ކުރުމަށެވެ. އިންޑިއާގެ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ލަވަކިޔުންތެރިންގެ މަރާ ގުޅިގެން އާސާމްގެ ރައްޔިތުންނަށް ފުން ހިތާމައެއް ލިބިފައިވާއިރު އޭނާ އަކީ އާސާމްގެ ރައްޔިތުން ފަޚުރުވެރިވާ ފަންނާނެކެވެ.