ހުސްވި ސީޒަނުގެ ޔޫރަޕުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ގަދަ ތިން ކުޅުންތެރިންނަކީ ބާސެލޯނާގެ ލަޔޮނަލް މެސީ އާއި އަންދްރޭސް އިނިއެސްޓާ އަދި ރެއާލްމެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ޔޫއޭފާއިން ނިންމަައިފި އެވެ.

ނޫސްވެރިންގެ މެދުގައި ވޯޓުލައިގެން ޔޫއޭފާއިން ހޮވާ މި މަގާމަށް ކުޅުންތެރިއަކު ހޮވައި އިއުލާނުކުރާނީ މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ޗެމްޕިއަންސް ލީގު ގުރު ނެގުމުގެ ރަސްމިއްޔާތުގަ އެެވެ. މި ވޯޓުލުން ވަގުތުން ދުރައްދައްކާނެ އެވެ. މިއީ ޔޫރަޕުގެ މޮޅު ކުޅުންތެރިޔާ ހޮވުން ލައިވްކުރާ ފުރަތަމަ ފަހަރެވެ.

ޔޫއޭފާއިން މިހާރު ވަނީ ގަދަ 10 ކުޅުންތެރިންގެ ތެރެއިން 4 އިން ފެށިގެން 10 އަށް ހޮވުނު ކުޅުންތެރިން އިއުލާނުކޮށްފަ އެވެ. މި ކުޅުންތެރިން ހޮވީ ކޮންމެ ނޫސްވެރިއެއްގެ ވެސް އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވައި ތަރުތީބުން ޕޮއިންޓް ދީގެންނެވެ. އެއްވަނަ އަށް ޖަހާ ކުޅުންތެރިއަކަށް ފަސް ޕޮއިންޓެވެ. ދެ ވަނަ އަށް ހަތަރު ޕޮއިންޓް ތިން ވަނަ އަށް ތިން ޕޮއިންޓް އަދި ހަތަރު ވަނަ އަށް ދެ ޕޮއިންޓް އަދި ފަސް ވަނަ އަށް ލިބޭނީ ފަސްޕޮއިންޓެވެ.
މި ގޮތަށް ޕޮއިންޓް ދިނުމުން 4އިން ފެށިގެން 10 އަށް ކުޅުންތެރިން ތަރުތީބުވީ މިގޮތަށެވެ.

4- އަންދެރޭ ޕިރްލޯ (އިޓަލީ، ޔުވެންޓަސް) 90 ޕޮއިންޓް
5- ޒަވީ ހަނާންޑޭޒް (ސްޕޭން، ބާސެލޯނާ) 57 ޕޮއިންޓް
6- އިކާ ކަސިޔާސް (ސްޕޭން، ރެއާލްމެޑްރިޑް) 53 ޕޮއިންޓް
7- ޑިޑިއޭ ޑްރޮގްބާ (ޗެލްސީ، އައިވަރީކޯސްޓް) 31 ޕޮއިންޓް
8- ޕީޓަ ޗެކް (ޗެލްސީ، ޗެކްރިޕަބްލިކް) 14 ޕޮއިންޓް
9- ފަލްކާއޯ (އެތްލެޓިކޯ މެޑްރިޑް، ކޮލަމްބިއާ) 14 ޕޮއިންޓް
10- މެސުޓް އޮޒިލް (ރެއާލް މެޑްރިޑް، ޖާމަނީ) 10 ޕޮއިންޓް