އައިލެންޑް އޭވިއޭޝަނަށް، އިދިކޮޅު އެމްޑީޕީން ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެ، އެ ޕާޓީގެ އެކައުންޓުތައް ފްރީޒްކޮށްދޭން އެދި ސިވިލް ކޯޓަށް އެ ކުންފުނިން މައްސަލައެއް ހުށަހަޅައިފިއެވެ.

މިއީ ގައުމީ އެއާލައިން، މޯލްޑިވިއަނުން ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީން ކުރި ދަތުރުތަކަށް ދައްކަން ޖެހޭ، 5.6 މިލިއަން ރުފިޔާއާ ގުޅޭ މައްސަލައެކެވެ. އެ މައްސަލައިގައި ކުރިން ޝަރީއަތް މެދުވެރިކޮށް އެމްޑީޕީއާއި މޯލްޑިވިއަންއާ ދެމެދު ސެޓްލްމެންޓް އެއްބަސްވުމެއް ހަދައި، 2027 ވަނަ އަހަރުގެ ނިޔަލަށް ފައިސާ ދައްކައި ހަލާސް ކުރުމަށް އޮތީ އެއްބަސްވެފައެވެ.

ނަމަވެސް އެ ސެޓްލްމެންޓް އެއްބަސްވުން އުވާލައި، އެއް ފަހަރާ ގައުމީ އެއާލައިނަށް 3.6 މިލިއަން ރުފިޔާ ދައްކަން އިދިކޮޅު އެމްޑީޕީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ ޖުލައި 30 ގައެވެ.

ނަމަވެސް އެ ފައިސާ އެ ޕާޓީން ނުދައްކާ ކަމަށް ބުނެ، އެ ޕާޓީގެ ހުރިހާ އެކައުންޓުތައް ފްރީޒްކުރަން މޯލްޑިވިއަނުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފައިވާ ކަމަށް އެ ޕާޓީގެ އޮފިޝަލަކު "ސަން"އަށް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ފައިސާ ދެއްކުން ލަސްވީ، ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާ ލިބުން ލަސްވުމުން ކަމަށެވެ.

އެމްޑީޕީން ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ދެ އަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށް ހެދި އެއްބަސްވުން ބާތިލްކޮށް، ނުދައްކާ ހުރި ހުރިހާ ފައިސާއެއް އެއް މަސް ތެރޭގައި ދައްކަން ހުކުމްކުރީ ސިވިލް ކޯޓުގެ ގާޒީ ސިނާން އަލިއެވެ.

ސެޓްލްމެންޓް އެއްބަސްވުމުގައި އޮތީ، ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ކޮންމެ ހަ މަހަކުން ދައްކަމުން ގޮސް 2027 ވަނަ އަހަރުގެ ކުރިން ދައްކާ ނިންމާ ގޮތަށެވެ. ނަމަވެސް، އެ އެއްބަސްވުމާ އެއްގޮތަށް މި އަހަރު ދައްކަންޖެހޭ ފައިސާ އެމްޑީޕީން ނުދައްކައި އޮތުމުން، މޯލްޑިވިއަނުން އެ މައްސަލަ އަލުން ކޯޓަށް ހުށަހަޅައި، އެދުނީ ބާކީ ހުރިހާ ފައިސާއެއް އެއް ފަހަރާ ހޯދާށެވެ.

އެ މައްސަލާގައި ގާޒީ ސިނާން ކުރެއްވި ހުކުމުގައިވަނީ ބާކީ ހުރި 3.6 މިލިއަން ރުފިޔާ 30 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަން އަންގާފައެވެ. އެމްޑީޕީން އެ ފައިސާ ނުދައްކަން ދައްކާފައިވާ ހުއްޖަތަކީ، އެ ޕާޓީއަށް ދައުލަތުން ދޭންޖެހޭ ފައިސާ ލިބުން ލަސްވުމެވެ. އެ ފައިސާ ދައްކަން އިތުރު ފުރުސަތަކަށް އެމްޑީޕީން އެދުނު ނަމަވެސް މޯލްޑިވިއަނުން އެކަމާ ހެދީ ދެކޮޅެވެ.