15 Aug 2012, 09:36
ސްޕެޝަލަވަންގެ ނަމުން އޭނާއަށް މުހާތަބްކުރުމުގެ ބަދަލުގައި މީގެ ފަހުން އޮންލީވަންގެ ނަމުން މުހާތަބްކުރަން ރެއާލް މެޑްރިޑުގެ ކޯޗު ހޯސޭ މޮރީނިއޯ އެދިއްޖެ އެވެ.
އޭނާ މިހެން ބުނީ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު ތިން ލީގުގެ ޗެމްޕިއަންކަން ހޯދި ހަމައެކަނި ކޯޗަކީ އޭނާ ކަމަށް ވުމުންނެވެ. މޮރީނިއޯ ވަނީ އިނގިރޭސި ޕްރެމިއާ ލީގު ދެ ދަހަރު ޗެލްސީ އަށް އިޓާލިއަން ލީގު ދެ ފަހަރު އިންޓަމިލާނަށް އަދި ސްޕެނިޝް ލީގު ހުސްވި އަހަރު ރެއާލް މެޑްރިޑަށް ހޯދައިދީފަ އެވެ. މީގެ އިތުރުން ޕޯޗުގީޒް ލީގު ދެ ދަހަރު ޕޯޓޯ އަށް ހޯދައިދީ އޭނާ ވަނީ ޗެމްޕިއަންސް ލީގު ޕޯޓޯ އާއި އިންޓަމިލާނަށް ހޯދައިދީފަ އެވެ.
ޕޯޗުގީޒު ނޫހަކަށް އިންޓަވިއު ދެމުން މޮރީނިއޯ ބުނީ އެހެން ކޯޗުންނަށް ނުހޯދޭ ކާމިޔާބީތައް ހޯދުމުން ހާއްސަ މީހެއްްގެ ބަދަލުގައި ހަމައެކަނިހުރި މީހަކީ އޭނާ ކަމަށް މުހާތަބްކުރަން ހައްގު ކަމަށެވެ.
"އަހަންނަކީ ދުނިޔޭގެ އެންމެ މުހިންމު ތިން ލީގު ކާމިޔާބުކުރި ހަމައެކަނި ކޯޗު. މިހެންވީމަ ސްޕެޝަލަވަންގެ ބަދަލުގައި އޮންލީވަންގެ ނަމުން މީހުން އަހަންނަށް ގޮވުން މާރަނގަޅު،" ޗެލްސީއަށް ކޯޗުކޮށްދިން ދުވަސްވަރު ސްޕެޝަލްވަންގެ ނަމުން މަޝްހޫރުވި ކޯޗު ބުންޏެވެ.
މޮރީނިއޯ ބުނީ ވަކިވަކި ކާމިޔާބީތަކަށްވުރެ ބޮޑަށް އޭނާ ބަލަނީ ޓީމަށް ކާމިޔާބު ހޯދައިދޭން ކަމަށެވެ.
"ކަންތައްތައް މިދަނީ އަހަންނަށް ވަރަށް ރަނގަޅަށް. ކަނލާގެއަށް ޝުކުރުހުރި. އަހަރެން ބޮޑަށް ސަމާލުކަންދެނީ އެހެންމީހުންނަށް މިދުވަސްވަރު. އިންޓަމިލާނަށް 50 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް (ޗެމްޕިއަންސް ލީގު) ކާމިޔާބުކޮށްދެވުމަކީ ކާމިޔާބީތަކެއްގެ ފެށުމެއް. މިއީ އަހަރެން ސަމާލުކަންދޭ ކަންތައްތައް. އަމިއްލަ އަށް ކާމިޔާބު ހޯދުމަށްވުރެ ބޮޑަށް ކުލަބުތަކަށް ކާމިޔާބު ހޯދައިދޭން ބޮޑަށް ބަލަނީ،" މޮރީނިއޯ ބުންޏެވެ.