ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް މި މަހު 30ގައި ނެރުމުން އަމަލު ކުރާނެ ގޮތްތަކެއް އިދިކޮޅު އެމްޑީޕީ އިން ކަނޑައަޅައިފި އެވެ.

އެމްޑީޕީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވެރިކަން ބަދަލުވެގެންދިޔައީ އެއްވެސް ބަޔެއްގެ ކުށެއް ކުރުމެއް ނެތި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށް ކަނޑައަޅައިފި ނަމަ، އެމްޑީޕީ އިން ހުށަހަޅަނީ ގާނޫނު އަސާސީގައިވާ ގޮތަށް އަންނަ އަހަރު ރިޔާސީ އިންތިޚާބު ބޭއްވުމަށެވެ. އަދި ވެރިކަން ބަދަލުވީ ގާނޫނާ ހިލާފަަށް ކަމަށް ކަނޑައަޅައިފި ނަމަ ވެރިކަން އެމްޑީޕީ އަށް އަނބުރާ އިޔާދަ ކުރަން ޖެހޭނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުމުގައި އަލީ ވަހީދު ހުށަހެޅުއްވި އެ ހުށަހެޅުމަށް ގައުމީ ހިންގާ ކޮމެޓީން މިއަދު ތާއީދުކޮށްފައިވާ އިރު ކޯނީގެ ރިޕޯޓްގައި ގާނޫނާއި ޚިލާފް އަމަލުތަކެއް ބަޔަކު ހިންގާފައިވާކަ މަށް ފާހަގަކޮށްފި ނަމަ އަވަސް އިންތިޚާބަކަށް އެއްބަސްވުމަށާއި އަދި އެބަޔަކު މަގާމުތަކުން ދުރުކޮށް، އެ މީހުންގެ މައްސަލަ ޝަރީއަތަށް ފޮނުވައި އެއް މަސްދުވަހުގެ ތެރޭގައި ޝަރީއަތުގެ މަރުހަލާތައް ނިންމުމަށް ހުށަހެޅުމަށް ވެސް ގައުމީ ހިންގާ ކޮމެޓީން މިއަދު ފާސްކޮށްފައިވާ ކަމަށް އެމްޑީޕީ އިން ބުންޏެވެ.

އަދި އެ މަރުހަލާތަކުގައި ކޮމަންވެލްތާއި ބައިނަލްއަގުވާމީ ފަރާތްތަކުގެ ބައިވެރިވުން އޮންނަން ޖެހޭނޭ ކަމަށް ފާސްކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ އެ ހުށަހެޅުމަށް، ރޯދަ މަސް ނިމުމުގެ ކުރިން ޖަވާބެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ކޮމެޓީން ނިންމާފައިވާކަމަށް ވެސް އެމްޑީޕީން ބުންޏެވެ.