02 Oct 2025, 12:51
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަރަށް އަރިހުގައި އުޅުއްވުމަށް ފަހު ޕީއެންސީއަށް މި ފަހުން ސޮއިކުރެއްވި އަހުމަދު މުހައްމަދު ވަހީދު (ވައްޑެ)އަށް ސްޓޭޓް މިނިސްޓަރުކަން ދެއްވައިފިއެވެ.
ވައްޑެއަކީ ކުރިން މި ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ.
އެކަމަކު، މިދިޔަ މަހުގެ ތެރޭ އޭނާ ވަނީ ކުއްލި ގޮތަކަށް ޕީއެންސީއަށް ސޮއިކުރައްވާފައެވެ. އެއަށް ފަހު ގެންދަވަނީ ސަރުކާރާއި ރައީސް މުއިއްޒު ޕްރޮމޯޓުކުރުމުގެ މަސައްކަތްކުރައްވަމުންނެވެ. އަދި، ކުރިން އެ މަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ފާޑުވިދާޅުވެވުނީތީ އޭނާ ވަނީ މާފަށް ވެސް އެދިފައެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އޭނާ ވަނީ އައްޔަންކުރައްވާފައެވެ. އެ މަގާމަކީ، 47،000 ރުފިޔާގެ މުސާރައެއް ލިބޭ މަގާމެކެވެ. އެކި މަސްދަރުތަކުން 'ސަން'އަށް ޔަގީންވެފައިވާ ގޮތުގައި އޭނާ އެ މަގާމާ ހަވާލުވިތާ މިހާރު ހަފުތާއެއްހާ ދުވަސްވެއްޖެއެވެ.
އެކަމަކު، މި ކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދަން ރެއިން ފެށިގެން ތަކުރާރުކޮށް 'ސަން'އިން މަސައްކަތްކުރި ނަމަވެސް އެ އޮފީހުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. އެކަމަކު، މީގެ ކުރީގެ ހުރިހާ ސަރުކާރެއްގައި ވެސް އެ ފަދަ މަގާމުތަކަށް އައްޔަންކުރައްވާ ބޭފުޅުންގެ މައުލޫމާތު ރައީސް އޮފީހުން އިސްވެ ހާމަކުރެއެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ވާގޮތުން ޓްރާންސްޕޯޓު މިނިސްޓްރީގައި މި ވަގުތު އިތުރު ތިން ސްޓޭޓް މިނިސްޓަރުން އެބަތިއްބެވިއެވެ. އެއީ، ޑރ. އިބްރާހިމް ޝިޔާމާއި، މުހައްމަދު ރިޔާޒް އަދި އަބްދުލް ލަތީފް މުހައްމަދެވެ. އެކަމަކު، އެ ވެބްސައިޓުގައި ސިޔާސީ މަގާމުތަކުގެ ތަފުސީލުތައް އަދާހަމަނުކުރާތީ އެއީ އަސްލު އަދަދުކަން ޔަގީނެއް ނޫނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ވައްޑެއަކީ ޕީޕީއެމް/ޕީއެންސީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި އެކްޓިވިސްޓެކެވެ. އެއަށް ފަހު، މި ސަރުކާރާ އެކު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި އޭނާ ހުންނެވީ ޔާމީނާ އެކުގައެވެ. އަދި، ސިލްސިލާ ޖަލްސާތަކުގައި އޭނާ މީގެ ކުރިން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
ސަރުކާރުން މިދިޔަ ޖުލައި މަހު ހާމަކުރި ހިސާބުތަކުން އެނގޭ ގޮތުގައި ސަރުކާރުގައި އޭރު ވެސް 922 ސިޔާސީ މުވައްޒަފުން ތިއްބެވިއެވެ. އެއީ:
ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން
- ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން
- ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
- ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން
- ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
- ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
- ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
- ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން
- ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
- ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި ހަތަރު ބޭފުޅުން
- އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅުން
- އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން
މިހާރު އެ އަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ. އެކަމަކު، ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ އިތުރު ނުކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.