02 Oct 2025, 16:41
ޖަޕާނުގެ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ސްކޮލާޝިޕް (ޖޭޑީއެސް)އަށް ކުރިމަތިލުމަށް ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތް ކުރަމުންދާ ދިވެހީންނަށް ފުރުސަތު ހުޅުވާލައިފިއެވެ.
ދެހާސް ވިހިވަނަ އަހަރު ރާއްޖޭގައި އިފުތިތާހުކުރި ޖޭޑީއެސް ސްކޮލާޝިޕްގެ މަގުސަދަކީ ތަރައްޤީވަމުން އަންނަ ގައުމުތަކުގެ އެކި ދާއިރާތަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް މީހުން ތަމްރީނު ކުރުމުގައި އެހީތެރިވުމެވެ.
އެ ސްކޮލާޝިޕްގެ ދަށުން ދެ އަހަރު ދުވަހުގެ މާސްޓާސް ޑިގްރީ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން 2026-2027ގައި ފެށޭ ދިރާސީ އަހަރަށް ހަ ސްކޮލާޝިޕް ފުރުސަތެއް ވަނީ އިއުލާންކޮށްފައެވެ.
ޖޭޑީއެސްގެ ދަށުން މާސްޓާސް ޑިގްރީ ހާސިލުކުރަން ހުޅުވާލައިފައިވަނީ:
މާސްޓާ އޮފް އާޓްސްއިން އިކޮނޮމިކްސް / އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް
- މާސްޓާ އޮފް އާޓްސްއިން އިންޓަނޭޝަނަލް ރިލޭޝަންސް
- މާސްޓާ އޮފް ސައިންސްއިން އިންޓަނޭޝަނަލް ކޯޕަރޭޝަން ޕޮލިސީ
ސްކޮލާޝިޕްތަކަށްއެޕްލައި ކުރުމާ ގުޅޭ މައުލޫމާތުޖޭޑީއެސް ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ސްކޮލާޝިޕްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސެޝަންތަކެއް ވެސް ބާއްވާނެއެވެ.
އެ ސްކޮލާޝިޕްގެ ދަށުން ހިންގާ ޕްރޮގްރާމްތައް ކުރިއަށްގެންދާނީ އިނގިރޭސިބަހުންނެވެ.
އެ ސްކޮލާޝިޕަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެއްސަކަށް ވުމާއި، އަންނަ އަހަރުގެ އޭޕްރިލް މަހަށް އުމުރުން 22 އަހަރު ފުރި، 39 އަހަރަށް ވުރެ ހަގު މީހަކަށް ވުން ހިމެނެއެވެ.
މީގެ އިތުރުން ތައުލީމީ ގޮތުން ބަލާއިރު، ރާއްޖެއާއި އެހެން ގައުމުތަކާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ބަލައިގަންނަ ޔުނިވާސިޓީއަކުން ހާސިލުކޮށްފައިވާ ބެޗްލާސް ޑިގްރީއެއް އޮންނަންވާނެއެވެ.
މި ސްކޮލާޝިޕް ދިނުމުގެ ބަލާނެ ވަޒީފާގެ ދާއިރާތަކުގެ ތެރޭގައި ސިވިލް ސާވިސްއާއި މިނިވަން މުއައްސަސާތަކާއި ކޯޓުތަކާއި ގާނޫނީ ދާއިރާ ހިމެނެއެވެ. އެގޮތުން އެ ދާއިރާތަކުން މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ލިބިފައިވޭތޯ ބަލާނެއެވެ.
އެ ފުރުސަތުތަކަށް ހުޅުވާލައިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.