މައްޗަންގޮޅީ ގެއަކުން ފޯނަކާއި ރުފިޔާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ މއ. ޔެލޯ ޑައިމަންޑް ގެއިން ނޮކިޔާ މޯބައިލް ފޯނަކާއި 150 އެމެރިކާ ޑޮލަރާއި 1810ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނު 06:20 ހާއިރު ހިނގި ކަމަށް ބެލެވޭ އެ ވައްކަމާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން ވަގަށް ނަގާފައިވާ ތަކެތި ހޯދާފައި ވަނީ އެ މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 32 އަހަރުގެ ފިރިހެން މީހާ ދިރިއުޅޭ ކޮޓަރިތެރޭ ފޮރުވާފައި ހުއްޓައި ކަމަށެވެ.

އެމީހާއާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

އެމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ދަނީ ތަޙްޤީޤް ކުރަމުންނެވެ.