ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރު އާނަންދު އެލް ރާއީ އުފައްދާ ފިލްމު "ތެރެ އިޝްގް މޭ"ގެ ޓީޒާއާ އެކު ފިލްމު ރިލީޒްކުރާ ތާރީޚު ވެސް އިއުލާނުކޮށްފިއެވެ.

ރީތި ފިލްމުތަކެއް ސިނަމާއަށް ގެނެސްދީފައިވާ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ މި ފިލްމުން ލީޑް ތަރިންގެ ގޮތުގައި ފެންނާނީ ބޮލީވުޑް ބަތަލާ ކްރިތީ ސެނޮން އަދި ސައުތު ސިނަމާގެ އެކްޓަރު ދަނުޝްއެވެ.

ބުޝަން ކުމާރުގެ ޓީ-ސީރީޒާއި ގުޅިގެން އާނަންދު ގެނެސްދޭ ފިލްމު "ތެރެ އިޝްގް މޭ"އަކީ ކުޅަދާނަ މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ އޭ އާރް ރަހްމާން މިއުޒިކް ތައްޔާރުކޮށްދީފައިވާ ފިލްމެކެވެ.

މި ފިލްމަކީ ލޯބީގައި ދެ މީހަކު ތަޖުރިބާކުރާނެ ހުރިހާ އިހުސާސްތަކަކާއި ޖަޒުބާތެއް ސްކްރީނުން ގެނެސްދޭނެ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަތަލާ ކްރިތީ އަދި ދަނުޝް "ތެރޭ އިޝްގް މޭ"ގެ ޓީޒާގެ މަންޒަރެއްގައި--ފޮޓޯ/ޓައިމްސްނައު

ބެލުންތެރިންނަށް އަސަރުކުރުވާނެ ވަރަށް ގިނަ މަންޒަރުތައް ފިލްމުން ފެންނާނެއިރު ކްރިތީ އާއި ދަނުޝްގެ ކެރެކްޓާއާ ބެހޭގޮތުން މާގިނަ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށް އާނަންދު ވަނީ ބުނެފައެވެ.

ދަނުޝް އާއި ކްރިތީގެ މެދުގައި ހިނގާ ލޯބީގެ ގުޅުމުގައި މައްސަލަޖެހި އެކަމުގެ ސަބަބުން ކްރިތީގެ ދިރިއުޅުން ޚަރާބުކޮށްލުމަށް ދަނުޝްކުރާ މަސައްކަތްތައް ފިލްމުން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލޯތްބަކީ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް އޭގެ ނޭދެވޭ އަސަރު ބައެއްފަހަރު ކުރުވާ އިހުސާސެއް ކަމަށް ގިނަ ބަޔަކު ދުށް ކަމަށް ވިޔަސް އެ ގުޅުމުގެ ސަބަބުން ދެ މީހެއްގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭ ކަމަށާއި އެކަން ފިލްމު ބަލާލުމުން ވަރަށް ރަނގަޅަށް ދޭހަކޮށްދޭނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ދަނުޝް އާއި ކްރިތީ ފުރަތަމަ ފަހަރަށް އެކީގައި ކުޅޭ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ.