14 Aug 2012, 21:28
ހއ. ހޯރަފުށީ، ނޫރީގޭ، މުހައްމަދު އަރުހަމަށް ވަޅިން ހަމަލާދީ ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކްތެރޭގައި މަރާލި މައްސަލައިގެ ތަހުގީގު ނިންމައި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 9ގައި ތައުލީމް ހާސިލް ކުރަމުންދިޔަ އަރުހަމްގެ ގަޔަށް ވަޅިހަރައި ވަރަށް އަނިޔާވެރިކޮށް މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ ހަ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.
އަރުހަމް މަރާލި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ގދ. ގައްދޫ، ގުންޒަރު، މުހައްމަދު ސުފްޔާން،19، އާއި ލ. މާވަށް، އެވަރބްލޫގެ މުޙައްމަދު ވިސާމު، 19، އާއި ހަމައެރަށު އަސަރީގޭ، މަންސޫރު ޔޫސުފް، 23، އާއި މއ. ސީނަރީވިޔު، އާތިފު ރަޝީދު، 21، އާއި ގ. ދާސްތާން، ހުސެއިން އަލީމްގެ އިތުރުން މއ. ކަބާލިފަރު، އަލީ މިފްރާހު އަޙުމަދު،21،ގެ މައްޗަށެވެ.
އެ މީހުންގެ ތެރެއިން ސުފުޔާނަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަނޑިއަކުން ޖަހައި މއ. ބްލޫރޯޒް ވިލާގޭގެ ބިއްލޫރި ގަނޑު ތަޅާލި މައްސަލަ ޝަރީއަތަށް ސާބިތުވެ އެއް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ މީހެކެވެ.
ވިސާމާއި އާތިފަކީ ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު މަރާލި މައްސަލައިގައި ގ. ގޯޒީ، އިބްރާހިމް ޝަހުމް އާދަމް ފުލުހުން ހޯދަމުން ދަނިކޮށް ފަޅުރަށެއްގައި އޭނާ ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށްފައިވާ ދެ މީހުންނެވެ.
މި މީހުންގެ ތެރެއިން މަންސޫރުގެ މައްޗަށް ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި ކަމުގެ ދައުވާ ދައުލަތުން އުފުލާފައިވާ އިރު އެ މައްސަލައިގެ ތަހުގީގަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ހައްޔަރުކޮށް އޭނާގެ މޯބައިލް ފޯން ފުލުހުން ޗެކްކުރި އިރު އޮރިޔާން ފޮޓޯތަކެއް ފެނިފައިވާ ކަން ޝަރީއަތަށް ސާބިތުވެފައިވާތީ މިއަހަރުގެ މެއި މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ 1000ރ. އިން ޖޫރިމަނާކޮށްފަ އެވެ.
ފުލުހުން ބުނީ އަރުހަމް މަރާލާފައި ވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި ހިޔާލުތަފާތުވުމަކާއި ގުޅިގެން ކަމަށެވެ.