ބޮލީވުޑްގެ އެންމެ ބޮޑު އެއް ފިލްމު ކުންފުނި, ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް)އިން ސްކްރީން ރައިޓިންގްއަށް ޝައުގުވެރިވާ މީހުންނަށް އެ މީހުންގެ ސްކްރިޕްޓްތައް އެ ސްޓޫޑިއޯއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވައިއާރްއެފްއިން 'ސްކްރިޕްޓް ސެލް'ގެ ނަމުގައި އެކަމަށް ހާއްސަ ވެބްސައިޓެއް ތައާރަފްކޮށްފައިވާއިރު އެކަމާ ގުޅޭ މައުލޫމާތު ސޯޝަލް މީޑިއާގައި އާއްމުންނަށް ފެންނަން ހުންނާނެ ކަމަށް އެ ސްޓޫޑިއޯއިން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި އެ ސްޓޫޑިއޯގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، 'ވައިއާރްއެފް ސްކްރިޕްޓް ސެލް'އަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި ކެރިއަރެއް ބިނާކުރުމަށް ބޭނުންވާ ހުރިހާ ލިޔުންތެރިންނަށް ހުޅުވާލި ފުރުސަތެއް ކަމަށެވެ.

ޔަޝް ރާގް ފައުންޑޭޝަންގެ އޮފީހުގައި މުވައްޒަފުންތަކެއް ހަރަކާތްތެރި ވަނީ، އަދި އެ ކުންފުނީގެ އިސް ވެރިޔާ އަދިތިޔަ ޗޯޕްރާ--ފޮޓޯ/ޕިންކްވިލާ

އެ ސްޓޫޑިއޯއިން ބޭނުންވަނީ ހިންދީ ސިނަމާގެ މުސްތަގްބަލް ބައްޓަން ކުރާނެ އީޖާދީ އަދި އުފެއްދުންތެރި ޚިޔާލުތައް ގެނެސްދެވޭނެ ވިސްނުންތެރި އައު ޖީލެއް ހޯދުމަށް ކަމަށާއި އެފަދަ ވާހަކަތައް ހުރިނަމަ ވައިއާރްއެފްއިން އެ ބަޔަކަށް މަރުހަބާ ކިޔާނެ ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ވައިއާރްއެފްގެ 'ސްކްރިޓް ސެލް' މެދުވެރިކޮށް ޚިޔާލު ހުށަހަޅާ މީހުންގެ ތެރެއިން އެންމެ ރަނގަޅު ޚިޔާލު އަދި ވާހަކަ ހުށަހަޅާ ބަޔަކު ހޮވާ ސްކްރީންޕްލޭ ތައްޔާރުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށް އެ ސްޓޫޑިއޯއިން ވަނީ ބުނެފައެވެ.

ކާމިޔާބު އެތައް ފިލްމެއް ހިންދީ ސިނަމާއަށް ގެނެސްދިން ވައިއާރްއެފް ސްޓޫޑިއޯ އަކީ ކުރީގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ޔަޝް ޗޯޕްރާގެ އަމިއްލަ ފިލްމު ކުންފުންޏެކެވެ.

ޔަޝް ޗޯޕްރާ 2012 ވަނަ އަހަރު މަރުވުމާ އެކު އެ ޕްރޮޑަކްޝަން ކުންފުނި ހިންގުމުގެ ޒިންމާއާ ހަވާލުވެފައި ވަނީ ދޮށީ ދަރިފުޅު އަދިތިޔަ ޗޯޕްރާއެވެ. އެ ފިލްމު ޕްރޮޑަކްޝަނުން އުފެއްދި މަގުބޫލު ފިލްމުތަކުގެތެރޭ "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއެގޭ"، "މުހައްބަތޭން"، "ޗާންދްނީ"، "ސިލްސިލާ" ފަދަ ފިލްމުތައް ހިމެނެއެވެ.

ދާދިފަހުން ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ސައްޔާރާ"އަކީ ވެސް ވައިއާރްއެފްގެ ފިލްމެކެވެ.