އިންޑިއާގެ އިތުރުން ދުނިޔޭގެ އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ މިލްކިއްޔާތު ބިލިއަން ޑޮލަރަށް އެރުމާ އެކު އިންޑިއާގެ އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓުގެ އެއްވަނަ ޖާގަ ޝާހުއަށް ލިބިއްޖެއެވެ.

'ހޫރުން އިންޑިއާ ރިޗް ލިސްޓު'ގައިވާ ގޮތުން ޝާހުއަށް ބިލިއަނަރުންގެ ކްލަބުން ޖާގަ ލިބުނީ އެކްޓަރުގެ މިލްކިއްޔާތު 12،490 ކްރޯޑު ރުޕީސް (1.4 ބިލިއަން ޑޮލަރަ)ށް އެރުމުންނެވެ.

ޝާހުއަށް އިންޑިއާގެ އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓުން ޖާގަ ލިބުނުއިރު ބައިނަލް އަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ އެފަދަ ގިނަ ލިސްޓުތަކުން ޝާހުގެ ނަން މީގެކުރިން ވެސް ވަނީ ފެނިފައެވެ.

ޝާހުގެ މިލްކިއްޔާތު 1.4 ބިލިއަނަށް އެރުމާ އެކްޓަރު ވެފައި ވަނީ އިންޓަނޭޝަނަލް ސެލެބްރިޓީން ކަމަށްވާ ޓެއިލާ ސްވިފްޓް، އާނޯލްޑް ޝްވެޒްނެގާ، ޖެރީ ސެއިންފީލްޑް އަދި ސެލީނާ ގޮމޭޒް ފަދަ ފަންނާނުން ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ ވެސް އެންމެ މުއްސަނދި އެކްޓަރުގެ މަގާމު ހޯދާފައެވެ.

ހޫރުން އިންޑިއާ ރިޗް ލިސްޓުގެ އެއް ވަނަ، ދެވަނަ އަދި ތިން ވަނަ މަގާމު ލިބުނު ޝާހްރުކް ޚާން، ޖޫހީ ޗާވްލާ އަދި ރިތިކް ރޯޝަން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ޝާހުއާ އެކު 'ހޫރުން އިންޑިއާ ރިޗް ލިސްޓު'ގެ އެންމެ ކައިރިން ދެން ވާދަކޮށްފައި ވަނީ އެކްޓަރާ ގުޅިގެން ވިޔަފާރި ކުރަމުން އަންނަ ރަހްމަތްތެރިޔާ، ބަތަލާ ޖޫހީ ޗާވްލާއެވެ. ޝާހު އާއި ބަތަލާ ޖޫހީގެ ދެމަފިރިން ހިއްސާވެގެން އަންނަނީ "ކޮލްކަތާ ނައިޓްސް ރައިޑާސް"ގެ ނަމުގައި ކްރިކެޓް ޓީމެއް ވެސް ހިންގަމުންނެވެ.

ޝާހްރުކް ޚާންގެ މުއްސަނދިކަމުގެ ފަހަތުގައި ފިލްމު އިންޑަސްޓްރީގައި 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް މަސައްކަތް ކުރުމުގެ އިތުރުން އަމިއްލަ ފިލްމު ކުންފުންޏެއްގެ އިތުރުން އަމިއްލަ ވީއެފްއެކްސް ސްޓޫޑިއޯއެއް ހިންގުން ހިމެނެއެވެ. މީގެއިތުރުން ޝާހު އަކީ މެދުއިރުމަތީގެ ރިއަލްޓީ އިންވެސްޓްމަންޓްތައް ވެސް ހިންގަމުން އަންނަ އެކްޓަރެކެވެ.

ޖޫހީއަށް ފަހު މި ލިސްޓުގެ ތިން ވަނަ އެކްޓަރު ރިތިކް ރޯޝަން ހޯދިއިރު ހަތަރު ވަނައިގައި އޮތީ ދަރުމާ ޕްރޮޑަކްޝަންސްގެ އިސްވެރިޔާ ކަރަން ޖޯހަރުއެވެ. އަދި ލިސްޓުގެ ފަސް ވަނަ ޖާގަ ކަށަވަރުކޮށްފައި ވަނީ އިންޑިއާގެ ލެޖެންޑު އެކްޓަރު އަމީތާބް ބައްޗަންއެވެ.

ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާންއަށް ފަހު ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުންގެ ތެރޭ ހިމެނޭ ހޮލީވުޑް ތަރިން ކަމަށްވާ އާނޯލްޑް ޝްވެޒްނެގާ، ޑުވޭން ޖޯންސަން އަދި ޓޮމް ކްރޫޒް--ފޮޓޯ/ޕީޕްލް

ކެރިއަރުގެ ފުރަތަމަ ނެޝަނަލް އެވޯޑު ވެސް މި އަހަރު ކާމިޔާބުކުރި ޝާހްރުކް ޚާން އަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އަގުގައި ފިލްމު ކުޅެދޭ އެއް އެކްޓަރެވެ.

ރެޑްޗިލީސް އެންޓަޓެއިންމަންޓްގެ ނަމުގައި އަމިއްލަ ފިލްމު ޕްރޮޑަކްޝަން ކުންފުންޏެއް ހިންގަމުން އަންނަ ޝާހުގެ އާއިލާ ދިރިއުޅޭ ގެ މަންނަތު އަކީ އިންޑިއާގައި އިމާރާތްކޮށްފައިވާ އެންމެ އަގުބޮޑު ގެ ތަކުގެތެރޭ ހިމެނޭ ގެއެކެވެ. މީގެއިތުރުން މަންނަތު ހިމެނެނީ އިންޑިއާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަނެއްގެ ގޮތުގައެވެ.

ޝާހު އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ކިންގް"އިންނެވެ.