ދޮންވެލި ބީޗް ރިސޯޓް އިތުރު 18 އަހަރަށް ޖޯން ކީލްސް އަށް ވިއްކާލައި ހއ. އަތޮޅުގައި ދެވަނަ އަށް ހުޅުވި ރިސޯޓް ހއ. އަލިދޫ، 40 މިލިއަން ޑޮލަރަށް (514 މިލިއަން ރުފިޔާ) ގަނެފައިވާ ކަމަށް ޔޮޓް ޓްއާސް އިން މިއަދު ބުނެފި އެވެ.


ޔޮޓް ޓުއާސްގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ ޖާބިރު މިއަދު ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޖޯން ކީލްސްގެ 100 އެނދުގެ އަލިދޫ އޭނާ ބައްލަވައިގަތީ މުޅި ރަށުގެ ލީސް ރައިޓް ކަމަށެވެ.


އަލިދޫ ރިސޯޓް ޔޮޓް ޓުއާސް އަށް ގަތް އިރު، އެ ރިސޯޓަކީ 40 ޕަސެންޓްގެ އޮކިއުޕަންސީ އަކާ އެކު ހިނގަމުން އަންނަ ރަށެއް ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.


ޖާބިރު ވިދާޅުވީ ކުރިން ސަބް ލީސްގެ ގޮތުގައި ޔޮޓް ޓްވާސް އިން ޖޯން ކީލްސް އަށް ކުއްޔަށްދީފައިވާ 300 އެނދުގެ ދޮންވެލި ބީޗް ރިސޯޓްގެ ހެޑް ލީސް 18 އަހަރަށް ބަދަލުކޮށް، ކުއްޔަށްދޭ މުއްދަތު އިތުރުކުރީ, އަހަރަކު 4.5 މިލިއަން ޑޮލަރު، ޖުމުލަ 81 މިލިއަން ޑޮލަރަށް (1040.85 މިލިއަން ރުފިޔާ) ކަމަށެވެ.


ޖާބިރު ވިދާޅުވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ސޮއި ކުރި އެސްބަސްވުމާ އެކު ހެރެތެރެ އިން ޔޮޓް ޓުއާސް "ވެއްޓުނު ވަޅުގަނޑުން" އަރައިގަތުމުގެ ފުރުސަތު ލިބި ކުރި މަގަށް އިންވެސްޓް ކުރުމުގެ ދޮރު ހުޅުވިފައިވެ އެވެ.


"މި ނިންމުމާ އެކު އަޅުގަނޑުގެ ހުރިހާ ލޯނެއް ހަލާސްކޮށް ނިމުނީ. މިހާރު އޮންނާނީ ކުޑަރަށަށް ނަގާފައި އޮތް ހަތަރު މިލިއަން ޑޮލަރުގެ ލޯނެއް އެކަނި،" ޖާބިރު ވިދާޅުވި އެވެ.


އޭނާ އަދި ވިދާޅުވީ ޖޯންކީލްސްގެ ޑީލާ އެކު، އޭނާގެ ވަޓަވައްރަހާ އާއި ފުނަމައުއްޑު އާއި އަލިދޫ އަކީ މިހާރު މޯގޭޖުން ސަލާމަތްކުރެވިފައިވާ ރަށްރަށް ކަމަށާއި އަދި 125 މިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ނިންމާފައިވާ މާލެ އަތޮޅު ކުޑަ ވިލިނގިލި ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ދޮރު ވެސް އިތުރަށް ތަނަވަސްވެފައިވާ ކަމަށެވެ.


ލިސްޓެޑް ކޮމެޕެނީ، ޖޯން ކީލްސް އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގެއްލުމުގައި އޮޕަރޭޓް ކުރަމުން އައި، އެ ކުންފުނީގެ އަލިދޫ ރިސޯޓްގެ ހެޑް ލީސްގެ ބަދަލުގައި ދޮންވެލި ބީޗް ރިސޯޓްގެ ހެޑް ލީސް 18 އަހަރަށް އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.


ޖާބިރު ވިދާޅުވީ އަލިދުއަކީ އުތުރުގެ އެއާޕޯޓް، ހަނިމާދުއާ 10 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި އޮތް ރަށަކަށްވެފައި އަދި ރަނގަޅު ފެންވަރުގައި ތަރައްގީކޮށްފައި އޮތް ރަށަކަށް ވުމުން އެ ރަށް ވިޔަފާރީގެ ގޮތުން ފައިދާވާ ގޮތަށް ހިންގެވުމަކީ އޭނާ އަށް ސުވާލެއް އޮތް ކަމެއް ނޫން ކަމަށެވެ.


"އެ ހިސާބުގައި އެ އޮތީ އުތީމާއި ބާރަށް ފަދަ ރަށްރަށް. އެ ތަނުގައި ރަނގަޅު ކަލްޗަރަލް ޓޫރިޒަމެއް ހިންގިދާނެ،" ހަތަރު ތަރީގެ ރިސޯޓާ ބެހޭ ގޮތުން ޖާބިރު ވިދާޅުވި އެވެ.