އިދިކޮޅު އެމްޑީޕީން ހުކުރު ދުވަހު ބޮޑު އެއްވުމަކަށް ތައްޔާރުވަމުން އަންނައިރު، މާލޭގެ އެކި ހިސާބުތަކަށް ގިނަ އަދަދެއްގެ ފުލުހުން ނުކުމެ ތަމްރީނުތަކެއް ފަށައިފިއެވެ.

ފުލުހުން ޝީލްޑްތައް ހިފައިގެން ރޭ މާލޭގެ ބައެއް ސަރަހައްދުތަކުގައި ސަފު ހަދައި، ހަރަކާތްތެރިވާ މަންޒަރު ފެނި، ސޯޝަލް މީޑިއާގައި ބައެއް މީހުން ފޮޓޯތައް ހިއްސާކޮށްފައިވެއެވެ. ނަމަވެސް ފުލުހުން ހަރަކާތްތެރިވަނީ ޚާއްސަ އޮޕަރޭޝަނެއްގެ ދަށުން ކަމެއް އެ މުއައްސަސާއިން ރޭ ބުނެފައިނުވެއެވެ.

މިއަދު ފުލުހުން ބުނީ، އެ މުއައްސަސާގެ އޮޕަރޭޝަނަލް ރެޑިނަސް ބެލުމުގެ ގޮތުން މިއަދާއި މާދަމާ މާލެ އާއި ހުޅުމާލޭގައި ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށެވެ.

ފުލުހުން މަގުމަތީގައި: ހުކުރު ދުވަހު އިދިކޮޅުގެ އެއްވުން އޮތްއިރު, ގިނަ އަދަދެއްގެ ފުލުހުން ނުކުމެ ތަމްރީނެއް ވަނީ ފަށައިފައި -- ފޮޓޯ/ ފުލުހުން

އެ ތަމްރީނުތަކުގައި، ދިމާވެދާނެ ހާލަތަކަށް ފުލުހުން ތައްޔާރުވެފައިވާ މިންވަރު ބަލައި، ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން އެ ތަމްރީނުތައް ކުރިއަށްގެންދަނީ، "ލޫޓުވައިފި"ގެ ނަމުގައި ސަރުކާރާ ދެކޮޅަށް ބޮޑު އެއްވުމެއް ބޭއްވުމަށް އެމްޑީޕީން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ސިފައިން މިއަދު ވަނީ ކަނޑުމަތީގެ އުޅަނދު ފަހަރު ބަލައި ފާސް ކުރުމަށް ވެސް ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ. ސިފައިން ބުނީ އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ ލައިސެންސް ނެތް މީހުން އުޅަނދު ފަހަރު ދުއްވުމުގެ ސަބަބުން ދިމާވާ ކަންކަމުން ރައްކާތެރިވުމަށް ކަމަށެވެ.

އެމްޑީޕީގެ އެއްވުމާ ގުޅޭ ގޮތުން ފުލުހުން ހެނދުނު ނެރުނު ބަޔާނެއްގައި ވަނީ، އެމްޑީޕީގެ ހިނގާލުމަށް ހުއްދަ ދީފައިވާ ރޫޓާ ޚިލާފުވެ، އެކި ބައިބަޔަށް ބެހި ކުށްކުރާ ގުރޫޕުތައް މަގުމައްޗަށް ނެރެ، މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ކަމަކަށް ފުރުސަތު ނުދޭނެ ކަމަށް އެ މުއައްސަސާއިން އިންޒާރު ދީފައިވެއެވެ.

އެހެންނަމަވެސް އެމްޑީޕީން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ޕާޓީން ތުހުމަތުކުރި ގޮތުގައި ހުކުރު ދުވަހު ހަމަނުޖެހުން ހިންގަން އުޅެނީ ސަރުކާރުން ގުރޫޕުތަކަށް ފައިސާ ދީގެންނެވެ. އެހެންވެ، އެމްޑީޕީގެ އެއްވުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފައިވެއެވެ.