ފިތުރު ޒަކާތް ދެއްކުމުގެ އެންމެ ފަހު ދުވަހަކީ މިއަދު ކަމަށާއި ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާ މާދަމާ ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެމިނިސްޓްރީ އިން ބުނީ އަދި މާދަމާ ހެނދުނު 10:00 އިން ފެށިގެން ޒަކާތުގެ ފައިސާ ބަހަން ފަށާނެ ކަމަށާއި ފަޤީރުންގެ ގޮތުގައި ނަން ނޯޓް ކުރި ފަރާތްތަކަށް އެ ފަައިސާ ލިބޭނީ އެމީހަކު ނަން ނޯޓް ކުރި ތަނަކުން ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.

އެގޮތުން އިސްލާމީ މަރިކަޒުގައި ނަން ނޯޓު ކުރި މީހުންނަށް އިސްލާމީ މަރުކަޒުން އަދި އެހެން ތަންތަނުގައި ނަންނޯޓު ކުރި މީހުންނަށް އެމީހަކު ނަން ނޯޓުކުރި ތަނަކުން އެފައިސާ ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

އިސްލާމިކް މިިނިސްޓްރީން ބުނީ އިއްޔެގެ ނިޔަލަށް 69361 މީހުން ޒަކާތް ދައްކާފައިވާ އިރު ޒަކާތު ފަންޑަށް ޖުމްލަ 2،141،287.00ރ. ލިބިފައިވާ ކަމަށެވެ.

ފިތުރު ޒަކާތަކީ އީދު ނަމާދުގެ ކުރިން ބަހައި ހުސްކުރަން ޖެހޭ އެއްޗަކަށް ވާތީ ވީހާ އަވަހަށް އެ ފައިސާ ލިބިގަތުމަށް ފައިސާގެ ހައްގުވެރިންނަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.