މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭ ތަފާތު އެކި ސަބަބުތަކާ ހުރެ 33 ފުލުހަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު ވިދާޅުވީ އެ ފުލުހަކު ކުރި ކުށަކަށް ބަލައި ނަސޭހަތްނުދީ ވެސް ވަޒީފާ އިން ވަކިކޮށްފައިވާ ފުލުހުން ތިބޭނެ ކަމަށެވެ. އަދި އެކިފަހަރު މަތިން ބިދޭސީން އަތުން ގިނަ އަދަދެއްގެ ފައިސާތަކާއި އަގުބޮޑެތި ސާމާނުތައް ފޭރުނު ފުލުހުން ވެސް މިހާރު ވަޒީފާ އިން ވަކިކޮށްފައިވާނެ ކަމަށެވެ.

"ކޮންމެ ކޮންމެ ކަމަކީ އެއީ ނަސޭހަތްދޭން ޖެހޭ މައްސަލަތަކެއް ނޫން. ނަސޭހަތްދޭން ޖެހޭ ކަންތައްތަކުގައި ހުންނާނީ ނަސޭހަތްދީފައި. ވަރަށް ގިނަ ކަންތައްތަކުގައި ހުންނާނެ ފުލުހުންނަށް ނަސޭހަތްދީފައި، އޭނާ ވަޒީފާ އިން ކަނޑާނުލައި. މިއީ ޔުނީފޯމް އޯގަނައިޒޭޝަނެއް. ޔުނީފޯމުގައި އަޅުގަނޑުމެން ޓޮލަރޭޓް ނުކުރާ ކަންތައްތަކެއް ހުންނާނެ. އެފެންވަރުގެ ކަންތައްތަކުގައި ނަސޭހަތަކާ ނުލައި ވެސް އޭނާ ވަކިކުރާނެ،" އަލީ ރަޝީދު ވިދާޅުވި އެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ބޮޑެތި ކުށްތަކުގައި 33 ފުލުހަކު ވަޒީފާ އިން ވަކިކޮށްފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ފުލުހުންގެ ވަޒީފާ އިން 47 ފުލުހަކު ވަކިކޮށްފައިވެ އެވެ.

އެސިސްޓަންޓް ކޮމިޝަނާ އަލީ ރަޝީދު ވިދާޅުވީ ފުލުހުން މަސައްކަތް ކުރާ މާހައުލަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ މާހައުލަކަށް ހެދުމުގެ ގޮތުން ޕްރޮފެޝަނަލް ސްޓޭންޑަޑްގެ ތެރެއިން ރެންޑަމްކޮށް ހޮވާލާ ހަ ފުލުހަކު ކޮންމެ މަހަކު ވެސް ޗެކްކުރަމުންދާނެ ކަމަށެވެ. އަދި ޕްރޮފެޝަނަލް ސްޓޭންޑަޑް އެކުލަވާލުމުގެ ކުރިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ވަޒީފާ އިން ވަކިކޮށްފައިވާ އިރު، އެ ސްޓޭންޑަޑް އެކުލަވާލުމުގެ ފަހުން އަދި އެއްވެސް ފުލުހަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިނުވާ ކަމަށެވެ.

ފުލުހުންނާ މެދު ހުށަހަޅާ ޝަކުވާތައް ބެލުމަށް ފުލުހުންގެ ތެރެއިން އެކުލަވާލާފައިވާ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑަށް މިއަހަރުގެ މިހާތަނަށް 118 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އަދި އޭގެ ތެރެއިން 106 މައްސަލަ ނިންމާފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 108 މައްސަލައެއް ހުށަހެޅި އިރު، ނިންމާފައި ވަނީ 79 މައްސަލަ އެކެވެ.

އަލީ ރަޝީދު ވިދާޅުވީ މިއަހަރު ހުށަހަޅާފައިވާ މައްސަލަތައް އިތުރުވެފައި ވަނީ މުޒާހަރާތަކާ ގުޅިގެން ކަމަށެވެ. ވޭތުވެދިޔަ ހަ މަސް ދުވަހުގެތެރޭ ކުރި 35 މުޒާހަރާއެއް ފުލުހުން މޮނިޓާކޮށްފައިވާ އިރު، މުޒާހަރާތަކާ ގުޅިގެން ފުލުހުންނާމެދު ކުރާ ޝަކުވާތައް ބަލައި ފިޔަވަޅު އަޅަމުން އަންނަ ކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ.

ފުލުހުންގެ ޑިސިޕްލިން މައްސަލަތައް ބެލުމަށް އަތޮޅުތެރެއަށް މިއަހަރުގެ މިހާތަނަށް 13 ފަހަރު ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ގޮސްފައިވާ އިރު، އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވަޒީފާ އަށް ފަރުވާ ކުޑަކުރުމުގެ މައްސަލަ ކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބައެއް ފުލުހުން ވަޒީފާ އިން ކެނޑެން ސިޓީލާފައި ވަޒީފާއަށް ނުނިކުންނަ މައްސަލަ ވެސް ދިމާވާމުންދާ ކަމަށެވެ. އަދި އޭގެތެރެއިން 14 ދުވަސް ވަންދެން ހަބަރެއް ނުވެ ވަޒީފާއަށް ނުނިކުންނަ ފުލުހުން، ފުލުހުންގެ ގާނޫނުން ބަލާނީ އެއީ ފިލައިގެން އުޅޭ ބައެއްގެ ގޮތަށް ކަމަށެވެ. އަދި އެފަދަ ފުލުހުން ވަޒީފާއިން ވަކިކުރާނީ ވެސް ފިލައިގެން ދިޔަ ފުލުހުންގެ ގޮތުގައި ކަމަށް ވެސް އަލީ ރަޝީދު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ރާއްޖެ އަށް ސިޔާސީ ބަދަލުތަކާ ގުޅިގެން ފުލުހުންގެ ވަޒީފާ އިން ކެނޑެން ފުލުހުން އެދޭ ވަރު އިތުރުވެފައިވާ ކަން މިހާތަނަށް ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.

އެސިސްޓަންޓް ކޮމިޝަނާ އަދި ވިދާޅުވީ ފުލުހުންގެ ސްޓްރެސް މެނޭޖް ކުރުމަށާއި ޓޮލެރެންސްލެވެލް މެނޭޖް ކުރުމުގެ ގޮތުން "ޝީ" މެދުވެރިކޮށް ކައުންސިލިން ދެމުން އަންނަ ކަމަށެވެ. އެގޮތުން 800 ފުލުހަކަށް މިހާތަނަށް ކައުންސިލިން ދީފައިވާނެ ކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ.

ފުލުހުންނަށް ކައުންސިލިން ދެނީ އަމިއްލަ އަށް އެދިގެން ރިކްއެސްޓްކުރުމުން ނުވަތަ ފުލުހުންނަށް ފެނިގެން ނެވެ. ބައެއް ފުލުހުންނަށް އާއިލީ މައްސަލަތަކާ ގުޅިގެން ވެސް ކައުންސިލިން ދީފައިވާނެ ކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ.

ހަތަރު ޔުނިޓަކަށް ބަހާލާފައިވާ ޕްރެފެޝަނަލް ސްޓޭންޑަޑްގައި 20 ފުލުހަކު މަސައްކަތް ކުރެ އެވެ. އޭގެތެރޭ މާސްޓާސް ހަދާފައި ތިބި ފުލުހުންނާއި ޑިގްރީ އާއި އޭލެވެލް އާއި އޯލެވެލް ފެންވަރުގެ ފުލުހުން ހިމެނެ އެވެ.