01 Oct 2025, 10:07
އިދިކޮޅު އެމްޑީޕީން ހުކުރު ދުވަހު މާލޭގައި ބާއްވަން ހަމަޖެހިފައިވާ ބޮޑު އެއްވުމުގައި ކުށްކުރާ ގްރޫޕުތައް ނެރެގެން މާލެ ހަލަބޮލިކޮށް، ތަންތަނަށް ގެއްލުންދޭން ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ހުކުރު ދުވަހު ސަރުކާރާ ދެކޮޅަށް ބޮޑު އެއްވުމެއް ބާއްވަން އެމްޑީޕީން އަންނަނީ ތައްޔާރުވަމުންނެވެ.
އެ އެއްވުމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންވެ، އެފަދައިން ސުލްހަވެރިކަމާ އެކު ކުރިއަށްގެންދާ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ވަރަށް އިސްކަމެއް ދީގެން ހަމަޖައްސާނެ ކަމަށް ފުލުހުން ބުންޏެވެ.
އެކަމަކު، އެމްޑީޕީން އިސްވެ ހުކުރު ދުވަހު ބާއްވަން ރާވާފައިވާ އެއްވުމުގެ ތެރެއިން މާލެ ހަލަބޮލިކުރަން އުޅޭ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. އެ މުއައްސަސާގެ ބަޔާނުގައި ބުނީ، އެ ފަދައިން މާލެ ހަލަބޮލިކޮށް، ތަންތަނަށް ގެއްލުންދޭން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.
"ދިވެހި ފުލުހުންގެ ޚިދުމަތުން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް، އިސްވެ ދެންނެވުނު ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފައެވެ،" ބަޔާނުގައިވެއެވެ.
އެ ފަދަ އަމަލުތަކަކީ މާލޭގެ އަމަންއަމާންކަން ގެއްލޭނެ އަމަލުތަކުގެ ގޮތުގައި ފުލުހުން ވަނީ ސިފަކޮށްފައެވެ.
އެހެންވެ، ސުލްހަވެރި ހަރަކާތެއްގެ ގޮތުގައި ގެންދަން ހަމަޖެހިފައިވާ މި އެއްވުމުގެ ތެރެއިން ގާނޫނާ ޚިލާފު އަދި އަމަން އަމާންކަމަށް ނުރައްކާވެދާނެ ފަދަ އެއްވެސް އަމަލެއް ހިންގަން ހިތްވަރު ނުދޭން ފުލުހުން ވަނީ ގޮވާލާފައެވެ. މާލެ ހަލަބޮލިކޮށް، ތަންތަނަށް ގެއްލުންދޭން ފުރުސަތު ނުދޭނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ފުލުހުން ވަނީ ސުލްހަވެރިކަމާ އެކު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތަކަށް އެ ދުވަހުގެ އެއްވުން ކުރިއަށްގެންދަން ގޮވާލާފައެވެ.
އެމްޑީޕީން ހުކުރު ދުވަހު މާލޭގައި އެއްވުމެއް ބާއްވަނީ "ލޫޓުވައިފި" ނަމުގައެވެ. އެ ޕާޓީން އަންނަނީ އެ އެއްވުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އަދި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އިއްޔެ ވަނީ އެއީ ވަކި ޕާޓީއެއްގެ އެއްވުމަކަށް ހެދުމުގެ ބަދަލުގައި ކޮރަޕްޝަނާ ދެކޮޅު އެންމެން އެއްވުމުގައި ބައިވެރިވާން ގޮވާލާފައެވެ.
އެމްޑީޕީން އިސްނަގައިގެން ހުކުރު ދުވަހު އެއްވުމެއް ބާއްވަނީ ސަރުކާރަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެންނެވެ.