01 Oct 2025, 09:02
ބޮލީވުޑްގެ އެންމެ ބޮޑު އެއް ފިލްމު ކުންފުނި ކަމަށްވާ ދަރުމާ ޕްރޮޑަކްޝަންސްއިން 2012 ވަނަ އަހަރު ގެނެސްދިން ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ"ގެ ކާސްޓުގައި ހިމެނުނު އެކްޓަރަކު މަސްތުވާތަކެއްޗާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ޚަބަރު އިންޑިއާގެ ހުރިހާ ނޫސްތަކެއްގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދި ނަމަވެސް އެ ފިލްމީ ތަރީގެ ވަނަވަރު ވަނީ ސިއްރުކޮށްފައެވެ.
ކަރަން ޖޯހަރު ޑައިރެކްޓްކޮށް ގެނެސްދިން "ސްޓޫޑަންޓް އޮފް ދަ އިޔާ"ގައި އެ އެކްޓަރު ކުޅެފައި ވަނީ ސަޕޯޓިންގް ރޯލްއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގެ ޗެންނާއީގެ އެއާޕޯޓުން އެ އެކްޓަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނީ 3.5 ކިލޯގެ ކޮކެއިން އޭނާގެ އަތުން ފެނުމުންނެވެ.
މި މަސްތުވާތަކެތީގެ އަގު 35 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 4.2 މިލިއަން ޑޮލަރަ)ށް އަރާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ"ގެ ޑައިރެކްޓަރު ކަރަން ޖޯހަރު--ފޮޓޯ/އިންޑިއާފޯރަމްސް
ދަރުމާގެ ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ"ގެ އިތުރުން ވެސް ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކުގައި ސަޕޯޓިންގް އެކްޓަރެއްގެ ރޯލް އަދާކޮށްފައިވާ އެކްޓަރުގެ އަތުން މަސްތުވާތަކެތި ފެނުނީ ސިންގަޕޫރުން އިންޑިއާގެ ޗެންނާއީއަށް ކުރި ދަތުރުގައި ޗެންނާއީގެ އެއާޕޯޓުގެ އިންޓެލިޖެންސް އޮފިސަރުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން އޭނާގެ ދަބަސްތައް ބަލައި ޗެކް ކުރުމުންނެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވަނީ އެކްޓަރު ހައްޔަރު ކުރެވުނީ ޗެންނާއީގެ ކަސްޓަމްސް އާއި ޑައިރެކްޓަރޭޓްއޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރްއައި) ގުޅިގެން ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއްގެ ދަށުންނެވެ.
މި މައްސަލައާ ގުޅިގެން އެކްޓަރާ ސުވާލު ކުރެވުމުން އޭނާ ބުނެފައި ވަނީ މަސްތުވާތަކެތި ފެނުނު އަތް ދަބަހަކީ އޭނާ ކެމްބޯޑިއާއަށް ކުރި ދަތުރުގައި ނުވެސް ދަންނަ ބަޔަކު އޭނާއާ ހަވާލުކުރި އަތްދަބަހެއް ކަމަށެވެ.
ކެމްބޯޑިއާގެ ދަތުރު ނިންމާލުމަށްފަހު އޭނާ ޗެންނާއީއަށް ދަތުރުކޮށްފައި ވަނީ ސިންގަޕޫރު މަގުންނެވެ. ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ މަސްތުވާތަކެތި ހުރި އެ އަތް ދަބަސް އިންޑިއާގެ މުމްބާއީ ނުވަތަ ދިއްލީއަށް ނިސްބަތްވާ ޑްރަގް ނެޓްވޯކަކާ ހަވާލު ކުރުމަށް އެބުނާ ކެމްބޯޑިއާގެ ގްރޫޕަކުން އެކްޓަރަށް އަންގާފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކުރެވުނު އެކްޓަރުގެ ވަނަވަރު ސިއްރުކޮށްފައިވާތީ ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. ވަނަވަރު ސިއްރުކޮށްފައި ވަނީ މަސްތުވާތަކެތީގެ މި މައްސަލައަކީ ބޮލީވުޑްގެ ފިލްމީ ތަރިންނާ ގުޅުންހުރި މައްސަލައަކަށް ވާތީ ކަމަށް ގިނަ ބަޔަކު ވަނީ ލަފާކޮށްފައެވެ.
ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ"ގައި ސަޕޯޓިންގް ރޯލްއިން ފެނުނު އެކްޓަރުންގެތެރޭ ސަނާ ސައީދު، މަންޖޯތު ސިންގް، ކަޔޯޒޭ އިރާނީ، ރާމް ކަޕޫރު، ރޮނިތު ރޯއި، ސާހިލް އާނަންދު އަދި މަނާޝީ ރާޗް ފަދަ ތަރިން ހިމެނެއެވެ.