ހެވީ ލޯޑުން ހިންގަމުންއައި ލ. ކައްދޫ ގެސްޓް ހައުސްތަކަށް އެކުންފުނިން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 48 މިލިއަން ރުފިޔާ ނުދައްކައި އޮތުމުން އެ ގެސްޓް ހައުސްތައް ހިންގާނެ އެހެން ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކައްދޫ އެއާޕޯޓްސް ހިންގާ ކުންފުނިން ބުނެފި އެވެ.

ކައްދޫ އެއާޕޯޓްސް ކޮމްޕެނީގެ ޑިރެކްޓާ އަހުމަދު އަލީ މިއަދު ވިދާޅުވީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހެވީ ލޯޑުން އެގެސްޓް ހައުސްތައް ހިންގުމާ ހަވާލުވި ފަހުން އެތަނުގެ ކުލި ދައްކާފައިނުވާ ކަމަށާއި އެހެން ކަމުން އެ ކުންފުނިން އެ އެގެސްޓް ހައުސްތައް އަތުލައި އެ ގެސްޓް ހައުސްތަކުގެ ކުއްޔަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް އެކުންފުއްޏަށް އަންގާފައި ވާނެ ކަމަށެވެ.

"އެބޭފުޅުން އަދި މިހާތަނަކަށް ކުއްޔެއްނުދައްކަވާ. ދެން ފުރަތަމަ އެގްރިމެންޓްގައި ސޮއިކުރެއްވި ދުވަހު ސެކިއުރިޓީއެއްގެ ގޮތުގައި ދައްކާފައިވާ 16 ލައްކަ ރުފިޔާ ދައްކާފައި ވަނީ އެ ފައިސާ ފިޔަވައި އެހެން ފައިސާއެއް މިހާތަނަށް ދައްކާފައެއް ނުވޭ." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ހިއްސާ އޮންނަ ހެވީ ލޯޑުން ކަރަންޓް ބިލަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 52،244.50ރ. ވެސް ނުދައްކާވާ ކަމަށާއި މިހާރު އެ ފައިސާ ވެސް ދައްކަން އެ ކުންފުއްޏަށް އަންގާފައިވާ ކަމަށާއި އަދި އެގެސްޓް ހައުސްތަކުގެ ތެރެއިން ވީއައިޕީ ގެސްޓް ހައުސްތަކުގެ ފިޔަވައި ދެން ހުރި ގެސްޓްހައުސްތައް އެހެން ފަރާތްތަކަށް ކުއްޔަށް ދިނުމަށް ވިސްނަމުން އަންނަ ކަމަށެވެ.

އެ މައްސަލަޢާ ބެހޭ ގޮތުން ހެވީ ލޯޑުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.