01 Oct 2025, 13:43
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެޕްލިކޭޝަންތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ފޯރުކޮށްދިނުމަށް، ކޯވީވްއިން މެޓާ އާއެކު 14 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ އޭއައި ދާއިރާގައި ދުނިޔޭގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު އެއް މުޢާމަލާތެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން މެޓާއިން 2031 ވަނަ އަހަރުގެ ޑިސެމްބަރު 14 އާ ހަމައަށް 14.2 ބިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ. އަދި 2032 ވަނަ އަހަރާ ހަމައަށް އިތުރު ކްލައުޑް ކޮމްޕިއުޓިން ކެޕޭސިޓީ އިތުރުކުރުމުގެ އިޚްތިޔާރު މެޓާއަށް ލިބިގެންވެއެވެ.
މި ޚަބަރާއެކު ކޯވީވްގެ ހިއްސާގެ އަގު 15 ޕަސެންޓް މައްޗަށް ގޮސްފައިވެއެވެ. ކޯވީވްއަކީ އެންވީޑިއާގެ އެހީގައި ހިންގާ ކްލައުޑް ސާވިސް ފޯރުކޮށްދޭ ކުންފުންޏެކެވެ. އެންމެ ފަހުން ހިއްސާގެ ބާޒާރު ބަންދުކުރިއިރު، ކޯވީވްގެ އަގު 60 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ.
އޭއައި ޓެކްނޮލޮޖީ ތަރައްގީކުރާ ކުންފުނިތަކުން ދަނީ އިންފްރާސްޓްރަކްޗާ ހޯދުމަށް ބޮޑެތި އެއްބަސްވުންތަކުގައި ސޮއިކުރަމުންނެވެ. މިއީ ކޯވީވް ފަދަ "ބެކްއެންޑް ސާވިސް" ފޯރުކޮށްދޭ ކުންފުނިތަކުގެ އަގު އުފުލޭ ސަބަބެކެވެ. ނަމަވެސް، މިފަދަ މުޢާމަލާތްތަކުގެ ސަބަބުން އޭއައި ދާއިރާގައި 'އިގުތިޞާދީ ހަލަބޮލިކަމެއް' އުފެދިދާނެ ކަމުގެ ކަންބޮޑުވުންތައް ވެސް ވަނީ ފާޅުވެފައެވެ.
އީމާކެޓްގެ އެނަލިސްޓް ޖޭކޮބް ބޯން ވިދާޅުވީ، އެންވީޑިއާގެ ޗިޕްތައް ހުންނަނީ ކޯވީވްގެ ޑޭޓާ ސެންޓަރުތަކުގައި ކަމަށެވެ. އެއަށްފަހު މެޓާ ފަދަ ކުންފުނިތަކުން އެ ޗިޕްތައް ބޭނުންކުރާނެކަމަށާއި، މިފަދަ މުޢާމަލާތްތަކުގެ ސަބަބުން އިގްތިޞާދީ ހަލަބޮލިކަމެއްގެ ކަންބޮޑުވުންތައް އުފެދެނީ، މި ދާއިރާ ހީނުކުރާހާ ބޮޑުވެފައި، ބޮޑެތި އަދަދުތަކުގެ ފައިސާ ހިމެނޭތީކަމަށް އޭނާ ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން ކޯވީވްއިން މެޓާއަށް އެންވީޑިއާގެ އެންމެ ފަހުގެ ޖީބީ300 ސިސްޓަމްތަކަށް ވަދެވޭނެއެވެ. މެޓާއިން މި އެއްބަސްވުން ހެދީ، ރޭބަން އާއެކު ފަށާފައިވާ ސްމާޓް ގްލާސް ފަދަ ކޮންސިއުމާ ޕްރޮޑަކްޓްތަކަށް ބޭނުންވާ ޓެކްނޮލޮޖީ އިތުރަށް ތަރައްގީކުރުމަށެވެ.
މެޓާއިން ވަނީ އެމެރިކާގެ އެކި ކަންކޮޅުތަކުގައި ޑޭޓާ ސެންޓަރުތަކަށް ބިލިއަނުން ޑޮލަރު ހޭދަކޮށް، އޭއައި ސޮފްޓްވެއާ އިންޖިނިއަރުން ހޯދުމަށް ބޮޑެތި މުސާރަތައް ހުށަހަޅާފައެވެ.