30 Sep 2025, 23:46
ސްމާޓްފޯން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި އެޕަލްއިން އައު ފޯނުތައް ނެރުނުތާ މާގިނަ ދުވަހެއް ނުވެ، އެ ފޯނުތަކާ ވާދަކުރުމަށް، ވަންޕްލަސްއިން ނެރެން ތައްޔާރުވަމުން އަންނަ ފޯނުގެ ބައެއް ތަފުސީލުތައް ހާމަކޮށްފިއެވެ.
ވަންޕްލަސް 15އަށް އިންތިޒާރު ކުރަމުން އަންނަ މީހުންނަށް، އެ ފޯނާ ގުޅޭ ގޮތުން މިހާތަނަށް ލިބިފައި އޮތީ ވަރަށް މަދު މައުލޫމާތެކެވެ. ނަމަވެސް މިހާރު ފޯނު ދައްކާލައި، ޑިޒައިނާ ގުޅޭ ބައެއް މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.
މިއަދު ހެނދުނު ވަންޕްލަސްއިން ވަނީ އެ ކުންފުނީގެ އެންމެ ފަހުގެ ސްމާޓްފޯނު ކުރިއަށް އޮތް ހަފުތާތަކުގައި ނެރޭނެ ކަމަށް ބުނެފައެވެ. އަދި 'ސޭންޑް ސްޓޯމް'ގެ ނަން ދީފައިވާ ކުލައެއް ހުންނަ އައު ފޯނުގެ ފޮޓޯތަކެއް ވެސް ވަނީ އާންމުކޮށްފައެވެ.
ވަންޕްލަސް 15 ގެ މި އައު ކުލައާއެކު، ފޯނުގެ އެލްމިނިއަމް ފްރޭމާއި ކެމެރާ މޮޑިއުލްގައި "އެއިރޯސްޕޭސް-ގްރޭޑް މައިކްރޯ-އާކް އޮކްސިޑޭޝަން" ބޭނުންކޮށްފައިވެއެވެ. މީގެ އިތުރުން، އެލްމިނިއަމް އާއި ޓައިޓޭނިއަމްއަށް ވުރެ ވަރުގަދަ ކަމަށް ބުނާ އައު ސެރެމިކް ކޯޓިންއެއް ވެސް މި ފޯނުގައި ހިމެނެއެވެ.
ފޯނުގެ ފަރުމާއަށް ބަލާއިރު، މިއީ ވަރަށް ރީތި ފޯނެކެވެ. އަދި އަތަށް ހެޔޮވަރު ސައިޒެއްގެ މި ފޯނު ތަޖުރިބާކޮށްލުމަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.
ވަންޕްލަސް ޗައިނާއިން އެ ކުންފުނީގެ ވީބޯ އެކައުންޓުގައި އިތުރު މައުލޫމާތުތަކެއް ހިއްސާކޮށްފައިވެއެވެ. އޭގެ ތެރޭގައި ޑިސްޕްލޭ ވަށައިގެންވަނީ 1.15 މިލިމީޓަރުގެ ބެޒެލް ކަމާއި، އަލުން ފަރުމާކޮށްފައިވާ ޗެސިސްގެ ސަބަބުން ފޯނު ހިފަހައްޓައިގެން ހުންނަން ފަސޭހަ ވާނެ ކަމަށް ބުނެފައިވެއެވެ.
އެ ފޯނުގައި ކުއަލްކޮމްގެ އެންމެ ފަހުގެ ސްނެޕްޑްރެގަން 8 އެލައިޓް ޖެން 5 ޕްރޮސެސަރު ބޭނުންކުރާނެކަން ވެސް ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ވަންޕްލަސް ފޯނުގެ ވަރުގަދަކަން އެ ކުންފުނިން ހިއްސާކުރީ، އެޕަލްގެ އައިފޯން 17 ޕްރޯގެ ކެމެރާ ވަށައިގެންވާ ސަރަހައްދުގައި ކޫރުން އެޅޭ މައްސަލައަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ވަންޕްލަސްއިން އުންމީދު ކުރަނީ އެ ކުންފުނީގެ އައު ފޯނުން މިފަދަ މައްސަލަތަކުން ރައްކާތެރިވާނެ ކަމަށެވެ.
ވަންޕްލަސްއިން އާންމު އައު ފޯނުތައް ނެރެނީ ޖެނުއަރީ މަހެވެ. ނަމަވެސް މިފަހަރު ޑިސެމްބަރުގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް މި ފޯނު ބާޒާރަށް ނެރުން އެކަށީގެންވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.