14 Aug 2012, 14:40
ރާއްޖެ އާޢި ނޭޕާލުގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާ ހުރެ މި އަހަރުގެ ސާކު ސަމިޓު ބޭއްވޭނެ ކަމާމެދު ބައެއް ފަރާތްތަކުން ސުވާލުއުފައްދަން ފަށައިފި އެވެ.
އެންމެ ބޮޑަށް އެ ސުވާލުއުފައްދަމުން ދަނީ އިންޑިއާގެ ނޫސްތަކުންނެވެ. އިންޑިއާގެ ހިންދުސްތާންޓައިމްސްގައި ބުނެފައި ވަނީ ސާކުގެ ޗެއާގެ މަގާމު އަދާކުރަމުން އަންނަނީ ރާއްޖޭން ކަމުގައިވާއިރު ރާއްޖޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ސާކުގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވި ދިޔާނާ ސައީދު އިސްތިއުފާ ދެއްވި ކަމަށާއި އެއާ އެކު ވެސް ސާކުގެ ބައެއް މަސައްކަތްތަކަށް ބުރޫ އެރި ކަމަށެވެ. އަދި ބުނެފައި ވަނީ މި އަހަރުގެ ސަމިޓް ބޭއްވުމަށް ނިންމާފައިވާ ނޭޕާލްގައި ވެސް ސިޔާސީ ހަލަބިލޮކަން ބޮޑުވެ ސަމިޓު ބޭއްވޭނެ ކަމާ މެދު އިތުރަށް ސުވާލުއުފެދެމުން އަންނަ ކަމަށެވެ.
ސާކުގެ މިހާރުގެ ސެކްރެޓަރީ ޖެނެރެލަކީ ހިއުމަންރައިޓްސް ކޮމިޝަންގެ ރައީސްކަން ކުރެއްވި އަހުމަދު ސަލީމެވެ.
ހިންދުސްތާން ޓައިމްސްގައި ބުނަނީ ސާކު ސަމިޓުގެ ކުރިން ސާކުގެ މިނިސްޓަރުންގެ މެދުގައި ބާއްވަން ރިވިއު މީޓިން ވެސް މީހާތަނަށް ބާއްވާފައި ނުވާ ކަމަށެވެ. އެ ބައްދަލުވުންވެސް ވެސް ނުބޭއްވި ލަސްވީ ސާކުގެ ގައުމުތަކުގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުންކަމަށް ފާހަގަކޮށްފައިވެ އެވެ. ސާކުގެ އޮފިޝަލަކާއި ހަވާލާދީ ނޫހުގައި ބުނެފައިވަނީ އެ ބައްދަލުވުން މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރިއަށް ދާކަމަށް އޮފިޝަލް ވަނީ ވިދާޅުވި އެވެ.
އެންމެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ސާކު ސަމިޓް ބޭއްވީ އައްޑޫގަ އެވެ. އެ ސަމިޓްގައި ގިނަ ކަންތައްތަކެއް ކުރުމަށް ސާކުގެ ވެރިން އެއްބަސްވި ނަމަވެސް އެކަންތައްތަކަށް އަމަލީ ސިފަ އައިސްފައެއްނުވެ އެވެ. ސާކަކީ ނަތީޖާ އެއް ނުނެރެވޭ ޖަމްއިއްޔާތަކުގެ ތެރެއިން އެއް ސަރަހައްދީ ޖަމްއިއްޔާ އެވެ.