މި އަހަރުގެ ވޯލްޑް ސައިޓް ޑޭ ފާހަގަކުރުމަށް އައިކެއާއިން ސްޓޫޑެންޓް އާޓް ކޮމްޕެޓިޝަނެއް ފަށައިފިއެވެ.

ކޮންމެ އޮކްޓޯބަރެއްގެ ދެވަނަ ބުރާސްފަތި ދުވަހު ފާހަގަކުރާ ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް މި އަހަރު ދިމާވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހަށެވެ. މި ދުވަސް ފާހަގަކުރުމަށް މި އަހަރުގެ ބައިނަލްއަގްވާމީ ޝިއާރަކީ #LoveYourEyes – Putting People at the Heart of Eye Health އެވެ.

މި ޝިއާރަށް ހޭލުންތެރިކުރުމަށާއި، ފިޔަވަޅު އެޅުމަށް ބާރުއެޅުމަށް އައިކެއާ އިން ވަނީ އާންމު އިވެންޓާ އެކު ދަރިވަރުންނަށް ޚާއްސަ އާޓް ކޮމްޕެޓިޝަނެއް ވެސް ބާއްވަން އިއުލާންކޮށްފައެވެ.

މި މުބާރާތަށް ކުރެހުން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އެގޮތުން 11-15 އަހަރާ ދެމެދުގެ ދަރިވަރުންނަށް ހުޅުވާލާފައިވާ މި މުބާރާތުގައި ދިރިއުޅުމާއި މުޖުތަމައުގައި ތަސައްވުރާއި ލޮލުގެ ސިއްހަތުގެ މާނައަކީ ކޮބައިތޯ ވިސްނާލުމުގެ ފުރުސަތު ލިބޭނެ ކަމަށް އައިކެއާއިން ބުންޏެވެ.

ބައިވެރިންނަށް ދެ ތީމެއް ޚިޔާރުކުރެވޭނެއެވެ:

1. "ލަވް ޔޯ އައިސް ގެ މާނައަކީ ކޮބާ؟"
މިއީ އަމިއްލަ ނަފްސަށް އަޅާލުމާއި، ޒިންމާދާރުކަމާއި، ގަވާއިދުން ލޮލުގެ ޓެސްޓްތައް ހެދުމުގެ މުހިންމުކަމަށް ހިތްވަރުދޭ ތީމެއް.

2. ލޮލުގެ ސިއްހަތުގެ ހިތުގައި މީހުން ބެހެއްޓުން

މިއީ، އާއިލާ، މުޖުތަމަޢު، އަދި ވިޝަން ކެއާގެ ފަހަތުގައިވާ އިންސާނީ ވާހަކަތަކަށް އިސްކަންދޭ ތީމެއް

ހުށަހެޅުމުގެ ގައިޑްލައިން:

  • ސައިޒް: އޭ4 (ކެންވަސް ނުވަތަ ކަރުދާސް)

  • ފޯމެޓް: ކޮންމެ މީޑިއަމެއް (ގަލަން، ފެންކުލަ، އެކްރިލިކް، މިކްސްޑް މީޑިއާ) ބޭނުންކޮށްގެން އަތުން ކުރެހި ނުވަތަ ކުލަ ޖައްސައިފައި.
  • ޑިޖިޓަލް އާޓް ބަލައިނުގަނެވޭނެ.
  • ހުށަހަޅާނެ ގޮތް: މާލެ ނަމަ، އޯކިޑް މަގުގައި ހުންނަ އައިކެއާ މައި ބިލްޑިންއަށް އަސްލު އާޓްވޯކް ގެނެސްދިނުން.
  • ރަށެއް ނަމަ: އާޓްވޯކްގެ ސާފު ފޮޓޯ ސްކޭން[email protected]އަށް ފޮނުވުން ނުވަތަ އެންމެ ކައިރީގައި ހުންނަ އައިކެއާ ފިހާރައަށް ހުށަހެޅުން.

އައިކެއާއިން ބުނީ ހުރިހާ ހުށަހެޅުމެއްގައި ވެސް، ބައިވެރިޔާގެ ފުރިހަމަ ނަން، އުމުރާއި، އައިޑީކާޑު ކޮޕީ، ސްކޫލް ނަމާއި ގްރޭޑް، ބެލެނިވެރިޔާއަށް ގުޅޭނެ ނަންބަރާއި އީމެއިލް އަދި ކުރެހި ތީމް ލިޔެފައި އޮންނަން ވާނެ ކަމަށެވެ.

މި މުބާރާތް ކުރިއަށްދާނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރު ނުވަތަ އޮންލައިން ވޯޓިން ބުރު އޮންނާނީ އަންނަ މަހުގެ 7-9 އަށެވެ. ސައްހަ ހުރިހާ އެންޓްރީއެއް އައިކެއާގެ ރަސްމީ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރެވޭއިރު، އާންމުންނަށް ވޯޓުލެވޭނީ އެމީހުން އެންމެ ގަޔާވާ އާޓްވޯކްތައް “ލައިކް” ކޮށްގެންނެވެ.

ފައިނަލް އެގްޒިބިޝަނަށް ޝޯޓްލިސްޓް ކުރެވޭނީ އެންމެ ގިނަ ވޯޓު ލިބޭ ފަރާތްތަކެވެ.

ދެވަނަ ބުރުގައި ނުވަތަ މައުރަޒު އަދި ފައިނަލް ވޯޓިން ބުރުގައި ޝޯޓްލިސްޓް ކުރެވޭ ހުރިހާ އާޓްވޯކްތަކެއް މާލޭގެ އާޓިފިޝަލް ބީޗުގައި ބާއްވާ ވޯލްޑް ސައިޓް ޑޭ އާންމު އިވެންޓުގައި ދައްކާލާނެއެވެ. މައުރަޒުގެ ތެރޭގައި ޒިޔާރަތްކުރާ ފަރާތްތަކަށް އަނެއްކާވެސް ވޯޓުލުމުގެ ފުރުސަތު ލިބޭއިރު، ގަދަ ތިން ވަނަ ހޯދާ ފަރާތްތައް ނިންމުމުގެ ރަސްމިއްޔާތުގައި ސްޓޭޖުން ލައިވްކޮށް އިއުލާން ކުރާނެއެވެ.

އިނާމުތައް:

1 ވަނަ: 5،000 ރުފިޔާ
2 ވަނަ: 3،000 ރުފިޔާ
3 ވަނަ: 2،000 ރުފިޔާ

ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވަނީ ޝޯޓްލިސްޓް ކުރެވިފައިވާ ފައިނަލްގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށެވެ.

އައިކެއާ އިން ބުނީ މި މުބާރާތުގެ ތެރެއިން ޒުވާން ޖީލަށް ލޮލުގެ ސިއްހަތާ މެދު ފުންކޮށް ވިސްނާ، މާނަހުރި ގޮތްގޮތަށް އުފެއްދުންތެރިކަން ފާޅުކުރުމަށް ވިސްނުން ބައްޓަންކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.