މިދިޔަ އަހަރު ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި އެފްރިކާގެ އަންހެނަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގެ ކުށުގައި އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ކެމަރޫންގެ މަރީ ރޯސް އެބެލާގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 31 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އެމިރޭޓްސްގެ ފުލައިޓަކުން އޭނާ ރާއްޖެ އައުމުން އޭނާގެ ފޮށި ކަސްޓަމްސް އިން ބަލައި ފާސްކުރި އިރު އެ ފޮށީގައި އޮތް ޓެނިހެއްގެ ތެރެއިން ފެނުނު ފަސް ކަރުދާސް ކޮޅުގެ ތެރޭގައި ހުރި ތަކެތި ތަހުލީލު ކުރިއިރު އޭގައި ހުރީ 4.984 ގްރާމް ކެނަބިސް ކަމަށް އެނގޭ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ އެތަކެއްޗަކީ އޭނާގެ ތަކެތި ކަމަށާއި ނަމަވެސް އެތަކެއްޗަކީ ކެނަބިސް ކަން ނޭނގޭ ކަމަށް އޭނާ ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ. އަދި އޭނާ އެހެން ބުނި ނަމަވެސް އެއީ ކުށުން ބަރީއަކުރެވޭ ވަރުގެ ކަމަށް ނުވާތީ އެކުށުގެ މަސްއޫލިއްޔަތު އޭނާ އުފުލަން ޖެހޭ ކަމަށް ވެސް ހުކުމްގައިވެ އެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދަށުންނެވެ. އެއީ އޭނާ ކުށްކޮށްފައި ވަނީ މަސްތުވާތަކެއްޗާއި ބެހޭ އާ ގާނޫނު ފާސްވުމުގެ ކުރިން ކަމަށް ވާތީ އެވެ.

މިހާރު އަމަލު ކުރަމުންދާ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު ބުނާގޮތުން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފި ނަމަ ފައިސާގެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.