14 Aug 2012, 14:41
ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް މާޗް މަހުގެ 19 ވަނަ ދުވަހު އެމްޑީޕީން ކުރި މުޒާހަރާގައި ވިލާ ޓީވީ އަށް ގާއުކި ކަމަށް ތުހުމަތު ކުރެވޭ މީހުން ދައުވާ އަށް އިންކާރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ވީޓީވީ އަށް ގާއުކި ކަމަށް ތުހުމަތު ކުރެވޭ އަށް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އިއްވުމުން އެމީހުން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.
އޭގެތެރެ އިން ބައެއް މީހުން ބުނީ އެ މީހުން އެ ދުވަހު ވީޓީވީ ހުރި ސަރަހައްދަށް ވެސް ނުދާ ކަމަށެވެ. އަދި އެދުވަހު އެ ސަރަހައްދަށް ދިޔަ ކަމަށް ވިޔަސް ގައު އުކައި ހަމަނުޖެހުން ހިންގާފައި ނުވާނެ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މާޗް މަހުގެ 19 ވަނަ ދުވަހުގެ 10:30 އެހާކަންހާއިރު އެ އަށް މީހުން އިތުރު ބަޔަކާ އެކު ވީޓީވީ ދޮށަށް އެއްވެ ހަމަނުޖެހުން ހިންގައި ވީޓިވީގެ އިމާރާތަށާއި ވީޓީވީގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންނާއި ދިމާލަށް ގާއުކާފައިވާ ކަމަށެވެ. އެހެންކަމުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ނ) އާއި ހަވާލާދީ އެ މާއްދާގެ (ބ) ގެ ދަށުން އެ އެންމެންގެ މައްޗަށް ކުރާ ދައުވާ އަކީ މީހެއްގެ މުދަލަށް ގެއްލުންދޭން އުޅުމުގެ ކުށުގެ ދައުވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ތިން އަހަރާއި ހަތް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.
އެމީހުން ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން މިއަދު ވަނީ އެ މީހުންގެ މައްޗަށް އެ ދައުވާ ސާބިތުކުރުމަށް ޓަކައި އެދުވަހު އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް ސިފައިންނާއި ފުލުހުންގެ އިތުރުން ވީޓީވީގެ ބައެއް މުވައްޒަފުން ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ.
މީގެއިތުރުން ގަރީނާގެ ގޮތުގައި ވީޑިއޯ ފުޓޭޖްތަކާއި ފޮޓޯތައް ވެސް ވަނީ ހުށަހަޅާފަ އެވެ.
ވީޓީވީ އަށް ގާއުކި ކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ މީހުންނަކީ ރ. އަލިފުށީ ހަމީދީ މަންޒިލް، ހުސެއިން ހަމީދު 26، އާއި ހަމަ އެގޭ އަހުމަދު ހަމީދު 29، އާއި ހ. ލަދުމާގެއާގެ، އަހުމަދު ނައީމް27، އާއި އއ. ފެރިދޫ އާޒާދުގޭ، ޣާނިމް ހަސަން 19، އާއި މ. ނޫރުޒޭރުގޭ، ހުސެއިން ޝިފާއު ޖަމީލު 19، އާއި މާލޭ ދަފްތަރު 7471 މުހައްމަދު ހަމީދު 50 އާއި ރ. މަޑުއްވަރީ ފެހިއަލި އިސްމާއިލް ހައްމާދު 19، އާއި ގ. ހާލަމް، އަހުމަދު މުހީން 22، އެވެ.
އެމީހުގެން އިތުރުން 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ވެސް އެ މައްސަލަައިގައި ދައުވާ ކުރެއެވެ.