30 Sep 2025, 09:26
މި މަހު ޕްރީމިއާކުރި އަރިއަން ޚާންގެ ވެބް ސީރީސް "ދަ ބޭޑްސް އޮފް ބޮލީވުޑް" ފިލްމީ ދާއިރާއަށް އެނބުރި އައި ކުރީގެ އެކްޓަރު ރަޖަތު ބެދީގެ މަގުބޫލުކަން ބެލުންތެރިންގެ މެދުގައި އަނެއްކާވެސް އިތުރުވެއްޖެއެވެ.
އުމުރުން 55 އަހަރުގެ އެކްޓަރު ބޮލީވުޑްގެ ފިލްމަކުން ނުފެންނަތާ އަށެއްކަ އަހަރުވެފައިވާއިރު "ދަ ބޭޑްސް އޮފް ބޮލީވުޑް"ގައި އޭނާ ކުޅުނު ރޯލަކީ އެ ސީރީސްއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދި އެއް ކެރެކްޓައެވެ.
ނެޓްފްލިކްސް އާއި ރެޑް ޗިލީސް ގުޅިގެން ގެނެސްދިން މި ސީރީސްއަށް ލިބެމުން އަންނަ ތަރުހީބާ އެކު މީގެކުރިން އައިއެމްޑީބީ ރޭންކިންގްގެ 954ވަނަ މަގާމުގައި އޮތް ރަޖަތު ވަނީ އެ ޕްލެޓްފޯމްގެ އެކްޓަރުންގެ ލިސްޓުގެ ނުވަ ވަނައަށް ޖެހިފައެވެ.
ރަޖަތު މި ސީރީސްގައި ކުޅެފައިވާ ރޯލަށް ތާއީދުކުރަމުން ބެލުންތެރިޔަކު ބުނެފައި ވަނީ އޭނާ އަކީ ބޮލީވުޑްގެ ޕްރޮޑިއުސަރުން ހަނދާންނައްތާލާފައިވާ ވަރަށް ހުނަރުވެރި އެކްޓަރެއް ކަމަށެވެ.
ރަޖަތުގެ ހުނަރު ފިލްމެއްގައި ނުވަތަ ސީރީސްއެއްގައި ބޭނުންކޮށްލުމުގެ ވިސްނުން ވެސް އައީ ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާންއަށް ކަމަށާއި އެކަމަށްޓަކައި ބައެއް ބެލުންތެރިން ވަނީ އަރިއަންއަށް ޝުކުރު އަދާކޮށްފައެވެ.

ރަޖަތު "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ޑައިރެކްޓަރު އަރިއަން ޚާން އަދި އެކްޓަރު ޝާހްރުކް ޚާންއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ރަޖަތުގެ ކެރިއަރުގެ މަޝްހޫރު ބޮލީވުޑް ފިލްމުތަކުގެތެރޭ "2001: ދޯ ހަޒާރު އޭކް" އަދި 2003 ވަނަ އަހަރު ގެނެސްދިން ފިލްމު "ކޮއި މިލްގަޔާ" ހިމެނެއެވެ. ރިތިކް ރޯޝަން އަދި ޕްރިތީ ޒިންތާގެ ފިލްމު "ކޮއި މިލްގަޔާ"އަށްފަހު ރަޖަތު ބޮލީވުޑް ފިލްމުތަކުން ފެންނަ މިންވަރު ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ.
ވެބް ސީރީސް "ދަ ބޭޑްސް އޮފް ބޮލީވުޑް"އިން ލިބުނު ފުރުސަތަށް ޝުކުރުވެރިވަމުން ރަޖަތު ބުނެފައި ވަނީ، އޭނާއަށް އަލުން ފިލްމަކުން ފުރުސަތު ދިނުމަށް ކެރުނު ހަމައެކަނި މީހަކީ އަރިއަން ކަމަށެވެ.
ރަޖަތު އަރިއަންގެ ވެބް ސީރީސްގައި މަސައްކަތް ކުރުމަށް އެއްބަސްވީ އޭނާގެ ފިރިހެން ދަރިފުޅު އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އަރިއަންއާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ޝަރުތުކޮށެވެ.
ރަޖަތު ބުނިގޮތުގައި އޭނާ ވެސް ފިލްމު އިންޑަސްޓްރީއަށް ނުކުތީ އަރިއަންގެ ބައްޕަ ޝާހްރުކް ޚާންއާ އެކު އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހުއެވެ. އެހެންވެ ދަރިފުޅު ވިވާންގެ ވެސް ބޮލީވުޑް ދަތުރު ފަށަން ބޭނުންވީ ޝާހުގެ ދަރިފުޅާ އެކު ކަމަށް ރަޖަތު ވަނީ ބުނެފައެވެ.
ރަޖަތުގެ އެ އެ އެދުމަށް އިހުތިރާމްކޮށް ދަރިފުޅަށް ފުރުސަތު ދިނީތީ އެކްޓަރު ވަނީ އަރިއަންއަށް ޝުކުރު އަދާކޮށްފައެވެ.