14 Aug 2012, 14:34
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ބާއްވާނެ މާހައުލެއް ގާއިމުކުރުން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަށް މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދު ވަޑައި ނުގަތުމުން ދޭހަވަނީ މަޖިލިސް ކުރިއަށް ގެންދަވަން މަސައްކަތް ނުކުރައްވަނީ މަޖިލިސްގެ ރައީސް ކަމަށް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެންބަރުން ވިދާޅުވެއްޖެ އެވެ.
މަޖިލިސްގެ ރައީސް ޝާހިދުގެ އެދިވަޑައިގަތުމުގެ މަތިން މަޖިލިސް ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ބައްދަލުވުން ނިންމާލެވުމަށް ފަހު ޕާޓީތަކުން ބައިވެރިވެވަޑައިގެންނެވި މަޖިލިހުގެ މެންބަރުން ވިދާޅުވީ މަޖިލިސް ކުރިއަށް ގެންދަން މަޖިލީހުގެ ރައީސް ބޭނުންފުޅު ނަމަ މިއަދު އެބައްދަލު ވުމުގައި ބައިވެރިވެ ވަޑައިގެންނެވީސް ކަމަށާއި އެކަމުން ދޭހަވަނީ ޝާހިދުގެ އިހުލާސްތެރިކަމެއް ނެތް ކަމަށެވެ.
ޖުމުހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވީ މަޖިލިސް ހުއްޓިފައިވާ ދަނޑިވަޅެއްގައި މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ޝާހިދު ކަންކަން ހަމަޖެއްސުމަށް ފަހު މިއަދުގެ ބައްދަލުވުމަށް ވަޑައިނުގަތުމަކީ މަޖިލިސް ހުއްޓިފައި އޮތްއޮތުމަށް އެމަނިކުފާނު ކަން ބޮޑުވެވަޑައިނުގަންނަވާ ކަމުގެ ހެއްކެއް ކަމަށާއި މަޖިލިހުގެ ރައީސްގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
"އޭނާ [އަބުދުﷲ ޝާހިދު]މަޖިލިސް ކުޅޭކުޅޭ ބުޅަލަކަށް ހަދައިގެން މަޖިލިހުގެ އަގުވައްޓާލާ މުޅިތަން
ހަލާކުކޮށްލުމަށް އެގޮތަކަށް އަޅުގަނޑުމެންނަކަށް ފުރުސަތެއް ނުދެވޭނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި މަޖިލިސް ކުރިއަށް ގެންދާ ވާހަކަ ދެއްކުމުގެ ނަމުގައި ބައްދަލުވުން ބޭއްވި ނަމަވެސް އެމްޑީޕީން ދެއްކީ އެބޭފުޅުންނަށް ވެރިކަން އަލުން ދޭން ޖެހޭނެ ވާހަކައާއި އަދި ކޯނީގެ ރިޕޯޓާ މެދު ގޮތެއް ނިންމުމުގެ ވާހަކަ ކަމަށާއި އެމްޑީޕީން ބައްދަލުވުމަށް އައީ ވެސް މަޖިލިސް ކުރިއަށް ގެންދާ ވާހަކަ ދައްކަން ނޫން ކަމަށެވެ.
"ބައްދަލުވުމަށް އައީ މަޖިލިހުގެ ވާހަކަ ދައްކަން ނަމަވެސް އެމްޑީޕީން ދައްކަން ފެށީ އެ މީހުންނަށް ވެރިކަން އަލުން ލިބޭނެ ގޮތުގެ ވާހަކައާއި ކޯނީ ރިޕޯޓް ނިމިއްޖެޔާ އެނިމުނު ގޮތުގެ ވާހަކަ އާއި މިވާހަކަތައް ދެއްކީ. މިމީހުން އައީ މަޖިލިސް ކުރިއަށް ގެންދާ ވާހަކަ ދައްކާކަށް ނޫން،" ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލިމެންޓް ގުރޫޕުގެ ނައިބު ރައީސް ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ވެސް ޝަރުތަކާ ނުލައި އިންތިހާބަކަށް ދިއުން އެއީ ހައްލު ހޯދުމުގެ އެއްމަގުކަމަށް ދެންނެވި ކަމަށާއި އަދި މިމަހު 30 ވަނަ ދުވަހު ނޭޝަނަލް އިންކުއަރީ ކޮމިޝަނުގެ ރިޕޯޓާ މެދު ސަރުކާރުން ކަންކަން ކުރާނެ ގޮތަކާއި މެދު ދެތިން ގޮތެއް މިއަދުގެ ބައްދަލުވުމުގައި ހުށައެޅުއްވި ކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލިހުގެ ޖަލްސާތައް އެމްޑީޕީން ހުއްޓާފައި ބާއްވަން ބޭނުން ނުވާ ކަމަށާއި ޖަލްސާތަކަށް ގޮވާލުމުން ޖަލްސާތަކަށް ހާޒިރުވާނެ ކަމަށެވެ.
ޕީޕީއެމްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ޕާލިމެންތްރީ ގުރޫޕްގެ ނައިބު ރައީސް ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު ވިދާޅުވީ މިއަދުގެ ބައްދަލުވުމަކީ މަޖިލިހުގެ ޖަލްސާތައް ހުއްޓިފައި އޮތުމުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެމްޑީޕީގެ ފަރާތުން ދެއްކެވި ވާހަކަތަކަކީ އެކަމާ ގުޅުމެއް ނެތް ވާހަކަ ކަމަށެވެ. އަދި ބައްދަލުވުމުގައި މަޖިލިހުގެ ރައީސް ބައިވެރިވެވަޑައި ނުގެނެންވުމުން އެކަމަށް ވެސް އާރިފު ފާޑު ވިދާޅުވިއެވެ.
"ތާކުން ތާކުނު ޖެހޭ ވާހަކަތަކެއް މިއަދުގެ ބައްދަލުވުމުގައި ދެއްކި ކަމަށް މިބުނަނީ އެފަދަ ވާހަކަތައް ދައްކަން އޯލްޕަޓީޓޯކުސް ފޯރަމެއް އެބައޮތް. އެފޯރަމްގައި މިހުރިހާ ވާހަކަތަކެއް ދެކެވެމުން ދާއިރު ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައި ބާއްވައިގެން މިފަދަ ވާހަކަތަކެއް އެހެން ދިމާލެއްގައި ކުރިއަށް ގެންދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" އާރިފު ވިދާޅުވި އެވެ.
ގައުމީ ޕާޓީގެ ޕާލިމެންޓުރީ ގުރޫޕްގެ ރައީސް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ މަޖިލިސް ހުއްޓުވާލުމަށް ފަހު ވާހަކަ ދައްކަން ޖެހޭ ވަރުގެ ކަމެއް ނޯންނާނެ ކަމަށާއި މަޖިލިހުގެ ޖަލްސާތައް އެމްޑީޕީން ހުއްޓާނުލާ ކަމަށް މިއަދު ބުނުމުން އެކަމުން ދޭހަވަނީ މަޖިލިސް ހުއްޓުވާލާ ފަރާތަކީ ޝާހިދުކަން މިހާރު އެނގޭ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ނައިބު ރައިސް މުހައްމަދު ވަހިއްދުއްދީންގެ އިތުރަށް ޖުމުހޫރީޕާޓީގެ ލީޑަރު ގާސިމް އިބުރާހިމާއި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނައިބު ރައީސް އަލީ ވަހީދާއި ޕީޕީއޭގެ ޕާލިމެންޓްރީގުރޫޕްގެ ރައީސް މޫސާ ޒަމީރާއި ގައުމީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ރައީސް ރިޔާޒު ރަޝީދާއި ޑީއާރްޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނައިބު ރައީސް އަބުދުﷲ މައުސޫމުގެ އިތުރުން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ނައިބު ރައީސް އަލީ އާރިފު ބައިވެރި ވެ ވަޑައިގެންނެވި އެވެ.