01 Oct 2025, 08:53
މީގެ އަހަރެއް ކުރިން ރިލީޒްކުރި ބޮލީވުޑް ބަތަލާ ޖާންވީ ކަޕޫރުގެ ފުރަތަމަ ސައުތު ސިނަމާ ފިލްމު "ދޭވްރާ: ޕާޓް 1"ގެ ދެވަނަ ބައެއް އުފައްދާނެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
މަޝްހޫރު ތެލުގޫ އެކްޓަރު ޖޫނިއަ އެންޓީއާރު ލީޑް އެކްޓަރުގެ ރޯލްއިން ފެނުނު ފިލްމުގެ ސީކުއަލްއެއް އުފައްދާނެކަން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ ފިލްމު ރިލީޒްކުރިތާ އެއް އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށެވެ.
އެ ފިލްމަކީ ސައުތު ސިނަމާގެ ކުޅަދާނަ ޑައިރެކްޓަރު ކޮރާތަލާ ސިވާ ޑައިރެކްޓްކޮށް ޔުވަސުދާ އާޓްސް އާއި އެންޓީއާރު އާޓްސް ގުޅިގެން ގެނެސްދިން ފިލްމެކެވެ.
ޖާންވީގެ އިތުރުން "ދޭވްރާ: ޕާޓް 1"އިން ބޮލީވުޑް އެކްޓަރު ސައިފް އަލީ ޚާން ވެސް ވަނީ ސައުތު ސިނަމާއަށް ތައާރަފްވެފައެވެ.
ޖޫނިއަ އެންޓީއާރު އާއި ސައިފްގެ ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ދައްކުވައިދިން މި އެކްޝަން ޑްރާމާއަށް ބޮކްސް އޮފީހުގައި ވެސް ބޮޑު ތަރުހީބެއް ލިބުނުއިރު ފިލްމުގެ ދެވަނަ ބައެއް އުފައްދާނެކަން ރަސްމީކޮށް އިއުލާނުކުރުމާ އެކު ފިލްމުގެ ސީކުއަލްއަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

ފިލްމު "ދޭވްރާ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމުގެ ދެވަނަ ބައެއް ގެނެސްދޭނެކަން އިއުލާނުކޮށްފައިވާއިރު ފިލްމުގެ ލީޑް ރޯލްއިން ޖޫނިއަ އެންޓީއާރު ފެންނާނެކަން ވަނީ ކަށަވަރުވެފައެވެ.
ނަމަވެސް ދެވަނަ ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނެ އިތުރު ތަރިންގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. މި ފިލްމުގެ ރިލީޒްކުރުމުގެ މާކުރިން އޯޑިއަންސަށް ފިލްމު ހިންދީ ބަހުން ޑަބްކޮށް ގެނެސްދިނުމުގެ ޒިންމާ ބޮލީވުޑްގެ މަޝްހޫރު ދަރުމާ ޕްރޮޑަކްޝަންއިން އޭރު ވަނީ ނަގާފައެވެ.