30 Sep 2025, 09:17
ބޮލީވުޑްގެ ފިލްމުތައް ރިވިއުކުރާ ބައެއް މީހުން ފިލްމުތައް ރިވިއު ކުރުމުގައި ގެންގުޅޭ އުސޫލުތަކާ ދެކޮޅަށް އަމަލުކުރަމުން އަންނާތީ އެކަމާ ފިޔަވަޅު އަޅާނެ ކަމަށް ބޮލީވުޑްގެ އެންމެ ގިނަ ބަޔަކު އިހުތިރާމުކުރާ ފިލްމު ކުންފުނި ނަދިއަދުވާލާ ގްރޭންޑްސަންއިން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި އެ ޕްރޮޑަކްޝަން ކުންފުނިން ބުނީ، ފިލްމުތަކަށް ފާޑުކިޔުމާއި އެ ފިލްމުތައް ރިވިއު ކުރުމުގެ ފުރުސަތު މިނިވަންކަމާ އެކު ހުރިހާ ބަޔަކަށް ވެސް ދީފައިވާކަމަށެވެ.
ހަމައެއާއެކު މިނިވަންކަމާ އެކު ޚިޔާލުފާޅުކުރުމުގެ ފުރުސަތު ދިނުމަކީ އެ ކުންފުނިންވެސް ތާއީދުކުރާ ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ފިލްމު ޕްރޮޑިއުސަރުން ކަމަށްވާ ސާޖިދު ނަދިއަދުވާލާ އާއި އޭއާރު މުރުގަދޯސް އެކްޓަރު ސަލްމާން ޚާންއާ އެކު--ފޮޓޯ/އިންޑިއާފޯރަމްސް
ފިލްމުތަކަށް ލިބޭ ފާޑުކިޔުންތަކުގެ ސަބަބުން އެ ފިލްމުތަކުގެ ފެންވަރު ރަނގަޅުވެ އެކްޓަރުންގެ ހުނަރުވެސް ކުރިއަރައި ދިއުމަކީ ނަދިއަދުވާލާ ގްރޭންޑްސަންއިން ވެސް ގަބޫލުކުރާ ކަމެއް ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.
އެހެންނަމަވެސް ދާދިފަހުން ބަޔަކު މީހުން ވަނީ ފިލްމު ޕްރޮޑިއުސަރުންނާއި އެކްޓަރުންނަށް ބިރުދައްކައި ފިލްމު ރިވިއުކުރުމުގެ ނަމުގައި ފައިސާ އަތުލަން މަސައްކަތްކޮށްފައި ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފިލްމު އުފައްދާތާ 75 އަހަރު ވެފައިވާ ނަދިއަދުވާލާ ޕްރޮޑަކްޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ބޭނުންވާ އަދަދަކަށް އެ ބަޔަކަށް ފައިސާ ނުދީފިނަމަ އެ ޕްރޮޑަކްޝަން ކުންފުނީގެ ފިލްމުތަކުގެ އަގުވައްޓާލާނެ ކަމަށް ބުނެ ޕްރޮޑިއުސަރުންނަށާއި އެކްޓަރުންނަށް ބިރު ދައްކާފައިވާކަމަށާއި އޭގެ ހެކިތައް ވެސް އެ ކުންފުންޏަށް ލިބިފައިވާ ކަމަށް ނަދިއަދުވާލާ ގްރޭންޑްސަންއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި، ނަމަވެސް ސިނަމާގެ އިންޓެގްރިޓީއަށް ނުރައްކާވާ ފަދަ ނުބައި އަމަލުތައް ހިންގާނަމަ އެކަމާ ގުޅޭ ގާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އެފަދަ މީހުންނާ މެދު އަޅާނެ ކަމަށް ނަދިއަދުވާލާ ގްރޭންޑްސަންގެ ބަޔާން ނިންމަމުން ވަނީ ބުނެފައެވެ.
ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ސާޖިދު ނަދިއަދުވާލާ އިސްވެ ހުންނަ ނަދިއަދުވާލާ ގްރޭންޑްސަންއިން މި އަހަރު ތިން ފިލްމެއް ބެލުންތެރިންނަށް ގެނެސްދިންއިރު އެންމެ ފަހުން ރިލީޒްވި ފިލްމަކީ މި މަހުގެ ފުރަތަމަ ހަފްތާތެރޭ ސިނަމާތަކުގައި އެޅުވި ފިލްމު "ބާޣީ 4"އެވެ.