މިދިޔަ ހުކުރު ދުވަހު އިންޑިއާގައި ރިލީޒްކުރި އެކްޓަރު އިޝާން ހައްތަރުގެ ފިލްމު "ހޯމްބައުންޑް"އަކީ އެކްޓަރުގެ ފިލްމީ ކެރިއަރުގެ 'މާސްޓަޕީސް'ގެ ގޮތުގައި އިންޑިއަން ފިލްމު ކްރިޓިކް ތަރަން އަދާޝް ސިފަކޮށްފިއެވެ.

ފިލްމު "ހޯމްބައުންޑު" ބެލުމަށްފަހު ޓްރޭޑް އެނަލިސްޓު ތަރަން އަދާޝް ލިޔުނު ރިވިއުގައި ފާހަގަކުރި ގޮތުގައި ފިލްމު ފެށުނީއްސުރެ ނިމެންދެން އިޝާންގެ ކެރެކްޓާ ހުށަހަޅައިދީފައި ވަނީ ބެލުންތެރިން ފޫހިކުރުވުމެއް ނެތި ވަރަށް ހުނަރުވެރިކަމާއި ޝައުގުވެރިކަމާއެކުއެވެ.

ފިލްމުގައި އިޝާން ދެއްކި ހުނަރުގެ ސަބަބުން އެއީ މިފަހުން ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި ޒުވާނުންގެ ތެރެއިން ވަރަށް އުޖާލާ ކުރިމަގެއް އޮތް އެކްޓަރެއްގެ ގޮތުގައި ތަރަން ވަނީ ފާހަގަކޮށްފައެވެ. ފިލްމު "ހޯމްބައުންޑު" އަބަދުވެސް ވާނީ އިޝާންގެ ފިލްމީ ކެރިއަރު މުޅިން ބަދަލުކޮށްލި ފިލްމެއްގެ ގޮތުގައި ކަމަށް ތަރަން ވަނީ ބުނެފައެވެ.

ފިލްމު ކްރިޓިކު އަދި ޓްރޭޑް އެނަލިސްޓު ތަރަން އަދާޝް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބޮލީވުޑްގެ އިތުރުން ހޮލީވުޑަށް ވެސް ތައާރަފްވެފައިވާއި އިޝާން އަކީ އެކްޓަރު ޝާހިދު ކަޕޫރުގެ ކޮއްކޮއެވެ. ފިލްމު "ދަޅަކް"އިން ގިނަ ބަޔަކަށް އިޝާން އެނގުމުގެ ކުރިން ވެސް އޭނާ ދިޔައީ އިނގިރޭސިބަހުން އުފައްދާފައިވާ ބައެއް ފިލްމުތަކުގައި މަސައްކަތް ކުރަމުންނެވެ.

އޭގެތެރޭގައި "ބިޔޯންޑް ކްލައުޑްސް" އަދި ފަހުން ކުޅުނު މިނީ ސީރީސް "އަ ސޫޓަބްލް ބޯއި" ހިމެނެއެވެ.
އިޝާންގެ އިތުރުން ފިލްމު "ހޯމްބައުންޑް"ގެ ކާސްޓުންގެތެރޭ ވިޝާލް ޖެތުވާ އަދި ބަތަލާ ޖާންވީ ކަޕޫރު ވެސް ހިމެނެއެވެ.

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްއަށް ނީރަޖު ތައްޔާރުކޮށްދިން "ހޯމްބައުންޑް"އަށް ބޭރުގެ ފެސްޓިވަލް ތަކުގައި ލިބެމުން އަންނަ ތަރުހީބާ އެކު އިންޑިއާގެ ފިލްމު ފެޑެރޭޝަނުން ވަނީ އަންނަ އަހަރުގެ އޮސްކާ އެވޯޑަށް "ހޯމްބައުންޑު" ފޮނުވަން ނިންމައި އެކަން އިއުލާނު ވެސް ކޮށްފައެވެ.

ފިލްމު "ހޯމްބައުންޑް"އަކީ 2020ވަނަ އަހަރު ކަޝްމީރަށް ނިސްބަތްވާ ނޫސްވެރިޔާ/ލިޔުންތެރިޔާ ބަޝާރަތު ޕީރް ލިޔުނު "އަ ފްރެންޑްޝިޕް، އަ ޕެންޑެމިކް އެންޑް އަ ޑެތު ބިސައިޑްސް އަ ހައިވޭ" އަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.