ފިލްމު "ސައްޔާރާ" އިން ބޮލީވުޑަށް ތައާރަފްވެ ބޮޑު މަޝްހޫރުކަމެއް ލިބުނު ޒުވާން އެކްޓަރު އަހާން ޕާންޑޭ ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް)ގެ އިތުރު ފިލްމަކަށް ސޮއިކޮށްފިއެވެ.

ވައިއާރްއެފްއިން ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި އެކްޓަރުގެ ދެވަނަ ފިލްމަކީ މަގުބޫލު ފިލްމު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު އެ ސްޓޫޑިއޯއަށް ޑައިރެކްޓްކޮށްދޭ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޑައިރެކްޓަރު އަލީ އައްބާސް އަކީ ވައިއާރްއެފްއިން ގެނެސްދިން މަގުބޫލު ފިލްމުތައް ކަމަށްވާ "މޭރޭ ބްރަދާ ކީ ދުލްހަން"، "ޓައިގާ ޒިންދާ ހޭ" "ސުލްތާން" އަދި "ގުންޑޭ" ގެނެސްދިން ޑައިރެކްޓަރެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުގައި އަހާންގެ ދެވަނަ ފިލްމުގެ ޕްރޮޑިއުސަރަކީ ވެސް އަދިތިޔަ ޗޯޕްރާއެވެ.

ޑައިރެކްޓަރު އަލީ އައްބާސް ބަތަލާ ކެޓްރީނާ ކައިފްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި އަހާންގެ ދެވަނަ ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަން ފިލްމެއް ކަމަށާއި ނަމަވެސް އެ ފިލްމުގައި ވެސް ލޯބީގެ ރަހަތައް ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަލީ އައްބާސް އުފައްދާ މި ފިލްމުގެ ސްކްރިޕްޓާ ގުޅޭ މަޝްވަރާތައް އަދިތިޔައާ އެކު ކުރެވެމުން އަންނަތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ސައްޔާރާ"ގައި އަހާން ކުޅުނު ކެރެކްޓާ ފުރިހަމަކަމުން އަލީ އައްބާސް ބޭނުންވީ ވައިއާރްއެފްއަށް އޭނާ އުފައްދާ ފިލްމުން އަހާންއަށް ފުރުސަތު ދިނުމަށް ކަމަށް ޕިންކްވިލާގައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ.

ޑައިރެކްޓަރު އަލީ އައްބާސްގެ އާ ފިލްމަށް ވަކި ނަމެއް ހަމަޖެހިފައިނުވާއިރު އަހާންއާ އެކު ފިލްމުން ބަތަލާގެ ރޯލްއިން ފެންނާނީ ކޮން ފިލްމީ ތަރިއެއްކަން ވެސް އަދި ހާމައެއް ނުކުރެއެވެ.

ލޯބީގެ ފިލްމަކަށްފަހު އަހާންގެ އެކްޝަން ފިލްމެއް ގެނެސްދިނުމަކީ ބެލުންތެރިންނަށް ދެވޭނެ ވަރަށް ބޮޑު ސަޕްރައިޒަކަށްވާނެ ކަމަށާއި ފިލްމަށް އަހާން ހޮވުމަށް ލަފާ ދިނީ ވެސް ޚުދު އަދިތިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމަކީ އަލީ އައްބާސް ވައިއާރްއެފްއަށް އުފައްދައިދޭ ފަސް ވަނަ ފިލްމެވެ.